ޚަބަރު

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިޔަށް - އެމްއެންޑީއެފް


ފާނަމަސްވެރިކަންކުރަން އުޅުމުގެ ތެރޭގައި ކަނޑަށް ވެއްޓި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށްދާކަމަށް އެމްއެންޑިއެފުން ބުނެފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް އެމްއެންޑީއެފުން ބުނީ ،އދ އަތޮޅުގައި އޮންނަ ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ކައިރީ ފާނަ މަސްވެރިކަން ކުރަން އުޅުނު "ޓާގެޓް" ދޯނިން މީހަކު ކަނޑަށް ވެއްޓިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ފެށީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އެގޮތުން އިއްޔެ 14:39 މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް ގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކާއެކު ފަށާފައިވާކަމަށެވެ.

އަދި މިއަދުވެސް މިމީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށްދާކަމަށާއި، ގެއްލުނު ކަނޑުގެ ޞަރަޙައްދާއި އެޞަރަޙައްދުގެ ކަނޑުގެ އަޑި ޑައިވަރުންގެ އެހީގައި ބަލަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިމީހާ ހޯދުމުގެ މަސައްކަތުގައި ވިލަމެންދޫ ރިސޯޓުގެ ޑައިވިންގް ދޯންޏާއި،ލިލީ ބީޗުގެ ލޯންޗަކުން ކޯސްޓުގާޑުގެ މަސައްކަތައް އެހީތެރިވަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި ކަނޑަށް ވެއްޓިފައިވަނީ ފ.ބިލެތްދޫ، އުތުރުގޭ އުމުރުން 58 އަހަރުގެ ޢަބްދުﷲ ނަޞީރެވެ. މި މީހާ ކަނޑަށް ވެއްޓުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓުލޫނެކެވެ.

މި ސަރަޙްދުން ދަތުރުކުރާ ފަރާތްތަކުން، މި މީހާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅާ މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑިއެފުން ވަނީ އިލްތިމާސްކޮށްފައެވެ.