ޚަބަރު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދިރާސާ މަހާސިންތާ ފަށައިފި


ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ކުރިއަށްގެންދާ 3 ވަނަ އިސްލާމީ ހޭލުންތެރިކަމާއި ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިޙާދު އިފްތިތާޙުކޮށްދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި އެމެރިކާގެ އިންޓަރނޭޝަނަލް އިންސްޓްޓިއުޓް އޮފް އިސްލާމިކް ތޯޓް އައި.އައި.އައި.ޓީ ގުޅިގެން ކުރިއަށްގެންދާ މި މިހާސިންތާގެ ޝިޢާރަކީ "ރޯލް އޮފް އިސްލާމިކް ތޯޓް، ކަލްޗަރ، އެންޑް ސިވިލައިޒޭޝްން އިން ބިލްޑިންގް ޕީސް ،ހާމަނީ އެންޑް ޓޮލަރެންސް އިން ސައުތު އޭޝިއާ" އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދިރާސާ މަހާސިންތާ އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވީ ދިވެހިރާއްޖެ ޑިމޮކްރަސީއާއި ޒަމާނީ ޓެކްނޮލޮޖީއަށް ލޯ ހުޅުވިގެންދާ މިދަނޑިވަޅުގައި މިފަދަ ކޮންފަރެންސެއްގައި ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި އިޖްތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރުމާގުޅޭގޮތުން މަޝްވަރާކުރުން މުހިންމުކަމަށެވެ.

އެކަކު އަނެކަކަށް ތަހައްމަލު ނުކުރުމުގެ ސިފަ ނުވަތަ "ލެކް އޮފް ޓޯލަރެންސް" އަކީ އިސްލާމީ ޢުންމަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ނާއިބުރައީސް ވިދާޅުވިއެވެ. އަދި ވަރުގަދަ އިސްލާމީ ޢުންމަތެއް ބިނާ ކުރުމަށްޓަކައި ހުރިހާ މުސްލިމުން އެއް ޢުންމަތެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އިސްލާމްދީން ކުރިއެރުވައި، އިސްލާމީ އުސޫލުތައް ނެގެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވާ މަސައްކަތްފުޅު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުވަނީ މަރުޙަބާ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައި.ޔޫ.އެމްގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ދެކުނު އޭޝިއާ ޞަރަޙައްދުގެ ޞުލްޙަ މަސަލަސްކަން ޤާއިމުވެފައި އޮތުމުގައި މުސްލިމުން މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށެވެ. އަދި މިހާރަށްވުރެ ބަދަހި އިސްލާމީ ހަޟާރަތެއް ޤާއިމުކުރުމަށްޓަކައި އެކަކު އަނެކަކަށް ތަހައްމަލުކުރުމުގެ ސިފަ އަށަގަންނުވަންޖެހޭކަމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

"ރޯލް އޮފް އިސްލާމިކް ތޯޓް، ކަލްޗަރ، އެންޑް ސިވިލައިޒޭޝްން އިން ބިލްޑިންގް ޕީސް، ހާމަނީ އެންޑް ޓޮލަރެންސް އިން ސައުތު އޭޝިއާ" މިޝިއާރުގެ ދަށުން ކުރިއަށްދާ މިމަހާސިންތާގައި 43 ދިރާސާ ކަރުދާސް ހުށަހަޅާނެކަމަށް އިސްލާމިކް އުނިވަރސިޓީން ބުނެއެވެ. މީގެތެރޭގައި މި ކޮންފަރެންސްގައި ބައިވެރިވާ ބޭރުގެ އެކި ޤައުމުތަކުގެ ބޭފުޅުން ހުށަހަޅުއްވާ 37 ކަރުދާހަކާއި ރާއްޖޭގެ 6 ބޭފުޅަކު ހުށަހަޅުއްވާ ކަރުދާސް ހިމެނެއެވެ. މި މަހާސިންތާގައި 12 ޤައުމެއްގެ ޢިލްމީ ބޭފުޅުން ބައިވެރިވަޑައިގަންނަވައެވެ.