ދުނިޔެ

ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ފަލަސްތީނުގެ ރައްޔިތުން ޝުކުރުވެރިވޭ





 


އިސްރާޢީލުން ޢައްޒާއާ ދެކޮޅަށް ދެމުންގެންދާ އުދުވާނީ ޙަމަލާތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ފަލަސްތީނުގެ ރައްޔިތުން ޝުކުރުވެރި ވާކަމަށާއި، ފަލަސްތީނަށް ދިމާވާ ކޮންމެ ޙާލަތެއްގައި ދިވެހިން ބަހައްޓާ ގާތްކަމަކީ އަބަދުވެސް ބަލައިގަންނަވާ ކަމެއް ކަމަށް ފަލަސްތީނުން ދިވެހިރާއްޖެއަށާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރ ޑޮކްޓަރ އަންވަރ އަލް އަގާ ވިދާޅުވެއްޖެއެވެ.


 
އެމް.ބީ.ސީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން އަންވަރ ވިދާޅުވީ ރާއްޖެއަކީ ކޮންމެ ޚާލަތެއްގައިވެސް ފަލަސްތީނާއެކު އޮންނަ ޤައުމެއް ކަމަށާއި، ޢައްޒާ މައްސަލައިގައި ރާއްޖޭގެ ރައްޔިތުން ފޯރުކޮށްދޭ އެހީގެ އަހަންމިއްޔަތުކަން ޚާއްސަގޮތެއްގައި ބަލައިގަންނަ ކަމަށެވެ.


 
ފަލަސްތީނު ސަފީރު ވިދާޅުވީ ޢައްޒާ މިހާރު އޮތް ޙާލަތުން އަރައިގަތުމަށް ދުނިޔޭގެ ޤައުމުތަކުގެ އެހީ ބޭންވާ ކަމަށާއި، އޭގެ ތެރޭގައި ފައިސާގެ އެހީގެ އިތުރުން، ކާނާއާއި، ސިއްޙީ އެހީ ބޭނުންވާކަމަށެވެ. އަދި އިސްރާޢީލުން ޢައްޒާގައި ކުރިއަށްގެންދާ ލާއިންސާނީ ޖަރީމާގެ އެންމެ ބޮޑު އެއް މަޤްސަދަކީ ފަލަސްތީނުގެ ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލުން ކަމަށާއި، އެހެންނަމަވެސް ފަލަސްތީނު ރައްޔިތުން އަދިވެސް ތިބީ އެއްބައި ވަންތަ ކަމާއެކު ކަމަށް އަންވަރު ވިދާޅުވިއެވެ. އަދި ކޮންމެ ހަމަލާއަކާވެސް ކެރިގެން ކުރިމަތި ލުމުގެ ހިއްވަރު ފަލަސްތީނު ރައްޔިތުންގެ ކިބައިގައި އެބަހުރިކަމަށް ވިދާޅުވިއެވެ.


 
 


ޣައްޒާ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން ކުރިއަށްގެންދާ ޓެލެތޯންއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އަންވަރު ވިދާޅުވީ އިސްރާޢީލުން ފަލަސްތީނާ ބެހޭގޮތުން ދޮގު ޚަބަރު ފެތުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ މީޑިއާތަކުން ފަލަސްތީނުގެ އަސްލު ހާލަތު ރައްޔިތުންނަށް އަންގައިދެމުންދާކަމަށެވެ.