ޚަބަރު

ޖަރުމަނުވިލާތައް އެއްވެސް ޤައުމެއްގެ ނުފޫޒެއް ނުފޯރާ- އަންގެލާ މަރކެލް


ޖަރުމަނުވިލާތަކީ ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައިވާ ޤައުމެއްކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވިދާޅުވުމަށް، ޖަރުމަނުވިލާތުގެ ޗާންސެލަރ އަންގެލާ މަރކެލް ރައްދުދެއްވައިފިއެވެ.

ތެލުގެ މައްސަލައިގައި ޖަރުމަނުވިލާތުން ރަޝިޔާއަށް ބަރޯސާވާކަމަށާއި ޖަރުމަނުވިލާތުން ނޭޓޯގެ ދިފާޢީ ޚަރަދުތަކަށް ފައިސާ ދޭ މިންވަރު އިތުރުކުރަން ފަސްޖެހޭކަމަށް ތުހުމަތުކުރައްވާ ޓްރަމްޕް ވަނީ އެ ޤައުމަށް ފާޑުވިދާޅުވެފައެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަފުޅުދެއްކެވިތާ ތިން ގަޑިއިރު ފަހުން ނޭޓޯގެ ބައްދަލުވުމަށް ވަޑައިގަންނަވަމުން މަރލެކް ވަނީ ނޫސްވެރިންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. އިރުމަތީ ޖަރމަނީ ސޯވިއެޓް ޔޫނިއަންގެ ބާރުގެ ދަށުގައި އޮތް ދުވަސްވަރު އެކަމަނާ ތަޖުރިބާކުރައްވާފައިވާކަމަށާއި، އަދުގެ ޖަރުމަނުވިލާތައް އެއްވެސް ޤައުމެއްގެ ނުފޫޒު ނުފޯރާކަމަށް މަރކެލް ވިދާޅުވިއެވެ. ޖަރުމަނުވިލާތުން ނޭޓޯގެ ދިފާޢަށް ކުރާ ހޭދައިގެ މައްސަލައިގައިވެސް މަރކެލް ވަނީ އެ ޤައުމުގެ ސިޔާސަތު ދިފާޢުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

އެމެރިކާއިން ނުބައްދަލު މިންވަރަކަށް ނޭޓޯއަށް ޚަރަދުކުރަން ޖެހޭކަމުގައި ޝަކުވާ ޓްރަމްޕް ކުރައްވާ މައްސަލަ މިވަނީ، މި އިއްތިޙާދުގެ ބައްދަލުވުމަށް އެޅިފައިވާ ހިޔަންޏަކަށް ވެފައެވެ. ޓްރަމްޕްގެ ސަރުކާރުން ގެންގުޅުއްވާ އެމެރިކާގެ ޒާތީ މަސްލަޙަތު އިސްކުރުމުގެ ސިޔާސަތުގެ ސަބަބުން، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގައި ސުލްޙަ ޤާއިމުކުރުމުގައި ވިލާތުގެ ބާރުތަކާއެކު އެމެރިކާއިން އަދާކުރަމުންދިޔަ ދައުރާމެދުވެސް މި ވަނީ ސުވާލު އުފެދިފައެވެ.

ބްރަސަލްސްއަށް ވަޑައިގެން ނޫސްވެރިންނާ މުޚާޠަބުކުރައްވަމުން އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ ވެސް މި ވަނީ، ނޭޓޯގެ ދިފާޢީ ޚަރަދުތަކަށް އިނގިރޭސިވިލާތުންވެސް ފުދޭވަރަކަށް ހޭދަކުރާކަމަށް ވިދާޅުވެފައެވެ.