ސިޔާސީ

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަށް ބަހުސް ކުރައްވައިފި






 


ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށައަޅާ ބަހުސް ކުރައްވައިފިއެވެ.


 
ސަރުކާރުގެ ފަރާތުން މިބިލް މަޖިލީހަށް ހުށައެޅުއްވީ ޕީޕީއެމްގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަށް އަސްމާ ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް މީހަކު ރިޝްވަތު ހިފައިފިކަން ނުވަތަ ހިފަން އުޅެފިކަން ނުވަތަ އެފަދަ އެއްވެސް މީހަކަށް ރިޝްވަތު ދީފި ކަން ނުވަތަ ދޭން އުޅެފިކަން އެނގިހުރެ ގަބޫލުކުރެވޭ ފަދަ އުޒުރެއް ނެތި އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތަކަށް ނާންގާ ހުރުމަކީ ކުށެއް ކަމުގައި ބުނެފައިވެއެވެ.


 


މިއިސްލާހު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން އަސްމާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވަނީ އެގާނޫނުގެ ބައެއް މާއްދާތައް ޤާނޫނު އަސާސީގެ ބައެއް މާއްދާތަކާއި ފުށު އަރާތީ ކަމަށެވެ. އަސްމާ ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ދައުލަތުން ކަމަކަށް އެދިގެން އުޅޭ މީހެއްގެ ކިބައިން ނުވަތަ ދައުލަތާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއް ކުރާ ނުވަތަ ކުރަންއުޅޭ މީހެއްގެ ކިބައިން އެކަމަކާ ބެހޭ ދައުލަތުގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފެއްގެ އަންބަކަށް ނުވަތަ ފިރިއަކަށް ހަދިޔާއެއްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިއްޖެނަމަ ލަސްނުކޮށް އެ އެއްޗެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނުވަތަ އެ ކޮމިޝަނުން ކަނޑައަޅާ ފަރާތަކަށް ރައްދުކުރަންވާނެކަމަށެވެ.


 

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވަނީ ކޮރަޕްޝަނާ ގުޅޭ މައްސަލައެއް އެނގިއްޖެނަމަ އެކަމެއް ހުށަހަޅަން ނުވަތަ ރިޕޯޓް ކުރަން ބުނެފައިވަނީ މާލޭގައި ނަމަ ޑިފެންސް މިނިސްޓްރީއަށްކަމަށް އަތޮޅު ތެރޭގައި ނަމަ އަތޮޅު އޮފީހަށް ނުވަތަ ރަށު އޮފީހަށްކަމަށެވެ. މިބިލަށް ބަހުސްކުރެއްވި މެމްބަރުން ވިދާޅުވީ، ސާބިތު ނުވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަތައް މީޑިއާއިން ދެއްކުންވެސް ހުއްޓަންޖެހޭކަމަށެވެ. އަދި ކޮރަޕްޝަންހުއްޓުވުމަށް މިހާތަނަށް އެއްވެސް ސަރުކާރަކާއި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަށް ހުށަހެޅި ބިލް މަޖިލީހުން ފާސްކޮށްފިނަމަ މި ގާނޫނަށް އަމަލުކުރަން ފަށާނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމުން ކަމަށްވެސް މިބިލްގައި ބުނެފައިވެއެވެ.