ސިޔާސީ

ކޯނީގެ ރިޕޯޓުގައި ބަންޑާރަ ނައިބު ވަކިކަމެއް ކުރުމަށް ބަޔާން ކޮށްފައިނުވޭ





 


ދެހާސް ބާރަވަނައަހަރު ވެރިކަން ބަދަލުވިގޮތް ތަޙްޤީގް ކުރުމަށްފަހު އެކުލަވާލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ރިޕޯޓުގައި ދައުލަތުގެ ބަންޑާރަ ނައިބު ވަކިކަމެއް ކުރުމަށް ބަޔާން ކޮށްފައިނުވާކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.


 
ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ހިނގާދިޔަ ކަންކަމާއި ގުޅޭގޮތުން ފުލުހުންނާމެދު ކުރެވޭ ތުހުމަތުތައް ތަހްގީގްކޮށް ފިޔަވަޅު އަޅާފައިވޭތޯ ބެލުމަށް ބަންޑާރަ ނައިބު މަޖިލީހަށް ހާޞިރުކޮށްފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ސުވާލަކާއިގުޅިގެންނެވެ. އެމެމްބަރު ކުރިމަތިކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ކޯނީގެ ރިޕޯޓުގައި ފަސްކަމެއް ފާހަގަ ކޮށްފައިވާކަމަށާއި، ނަމަވެސް އެއީ އެހެން މުއައްސަސާތަކުން ކުރުމަށް ބަޔާންކޮށްފައިވާ ކަންތަކެއްކަމަށެވެ. އެކަންކަން ތަހްގީގްކުރުމާއި، ކުށްވެރިވާ ފަރާތްތައް އިންސާފްގެ ކުރިމައްޗަށް ގެނައުމުގައި މައިގަނޑު ދައުރެއް އޮތީ ކަމާގުޅޭ ތަޙްޤީގީ އިދާރާތަކަށާއި، ޕްރޮސެކިއުޓަރ ޖެނެރަލަށާއި، ޝަރުއީ ކޯޓްތަކަށްކަމަށް އަނިލް ވިދާޅުވިއެވެ.


 
ކޯނީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތައް ތަޙްޤީގްކުރުމަށްފަހު ހަ ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ހޯމް މިނިސްޓްރީއަށް އެންގިކަމަށާއި، ނަމަވެސް ފުރިހަމަ ހެކި ލިބިގެން  ވަޒީފާއިން ވަކި ކޮށްފައި ވަނީ އެންމެ ފުލުހެއް ކަމަށް ބަންޑާރަ ނައިބު އަނިލް ވިދާޅުވިއެވެ. އަދި ކޯނީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ތަޙްގީގްކުރުމަށްފަހު ތަފާތު 45 މައްސަލައެއް އެކޮމިޝަނުން ބަލާފައިވާއިރު، އޭގެތެރެއިން 9 މައްސަލައަކީ ފުލުހުންގެ ވަޒީފާގައިތިބި ފުލުހުންނާއި ގުޅޭ މައްސަލަތައްކަމަށާއި، އެމައްސަލަތައް ބެއްލެވުމަށްފަހު އެ ފުލުންނާއި މެދު ފިޔަވަޅު އެޅުއްވުމަށް ހޯމް މިނިސްޓްރީއަށް އަންގަވާފައިވާކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ. އަދި ފުލުހުންގެ އިސް ބޯޑުން އެމައްސަލަތައް އިތުރަށް ބެއްލެވުމަށްފަހު ދެންތިބި ފަސް ފުލުންގެ މައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ކޮމިޓީން ބެއްލެވިކަމަށާއި، އެމީހުންނާއި ގުޅިގެން ހުށަހެޅިފައިހުރި ސާބިތު ނުވާކަމަށް ވިދާޅުވިއެވެ.


 
އެހެންކަމުން އެފުލުހުންނާއި މެދު ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން ވަޒީފާއިން ވަކިކުރުމާއިމެދު ވަކިގޮތެއް ނިންމާފައިނުވާކަމަށްވެސް ބަންޑާރަ ނައިބު އަނިލް ވިދާޅުވިއެވެ. އޭގެތެރެއިން ބައެއް މީހުންގެ މައްސަލަތައް މިހާރު ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައިވާކަމަށާއި، ބައެއް މައްސަލަ ކޯޓުގައި ހިނގަމުންދާކަމަށްވެސް ވިދާޅުވިއެވެ.


 
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުނު 45 މައްސަލަތަކުގެތެރެއިން 14 މައްސަލައަކީ އެއްވެސް ހެއްކެއް ލިބިފައި ނުވާ މައްސަލަތައްކަމަށްވެސް އެކޮމިޝަނުންދީފައިވާ މަޢުލޫމާތު ހާމަވާކަމަށްވެސް ބަންޑާރަ ނައިބު އަނިލް ވިދާޅުވިއެވެ.