ވިޔަފާރި

ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމަށް ބަރޯސާނުވެ އިގްތިސާދު ކުރިއެރުވުން





 


ބޭރު ދުނިޔެއަށް ދައްކަން ބޭނުންވަނީ ރާއްޖެއަކީ ހަމައެކަނި "ދި  ސަނީ ސައިޑް އޮފް ލައިފް" ނޫން ކަމަށާއި، ސަރުކާރުގެ އަމާޒަކީ، ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާނުވެ އިތުރު އެހެނިހެން ދާއިރާތަކުން އިންވެސްޓްކޮށްގެން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.


 
ރައީސް މިހެން ވިދާޅުވީ ޓްރާންސް މޯލްޑިވިއަން އެއަރވޭސް، ޓީއެމްއޭގެ "ޒުވާނާ" ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ސްކޮލަރޝިޕް ހަވާލު ކުރުމަށް ރޭ ޓްރޭޑަރސް ހޮޓަލުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕައިލެޓުން ތަމްރީނު ކުރުމަށް ޓީއެމްއޭއިން ހުޅުވާލި "ޒުވާނާ" ސްކޮލަރޝިޕް ހާސިލްކުރި ފަސް ފަރާތަށް ސްކޮލަރޝިޕް ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. ޓީއެމްއޭގެ "ޒުވާނާ" ސްކޮލަރޝިޕް ހާސިލް ކޮށްފައިވަނީ، އަހުމަދު އަޒްމީއާ،  އަހުމަދު އަޒާނާއި އަހުމަދު ނާއިޒް ރަފީއުގެ އިތުރުން އަހުމަދު ޝިނާން އަދި މުހައްމަދު ސައިފާނެވެ.


 
ސްކޮލަރޝިޕް ހަވާލުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަކީ ހަމައެކަނީ ފަތުރުވެރިކަމަށް ބަރޯސާނުވާ އިގްތިސާދަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެކަމަށް ބޭނުންވަނީ، ތައުލީމީ ހުނަރުވެރި މަސައްކަތްތެރިންތަކެއްގެ އިތުރުން ސިޔާސީ ނުވެ އިގްތިސާދީ ގޮތުން ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައި ދެވޭނެ ފަދަ ވަރުގަދަ ސަރުކާރެއް ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން އަބަދުވެސް ރާއްޖެއަށް އޮންނަ ކަމަށާއި، ރާއްޖޭގައި އޮންނަނީ ހުޅުވާލެވިފައިވާ އިގްތިސާދަކަށް ވާއިރު ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް އިންވެސްޓް ކުރުމުގައި ސިޔާސީ ގޮންޖެހުންތަކަށް އިންވެސްޓަރުން ވިސްނަން ޖެހޭނެ ކަމަށެވެ.



ރައީސް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެންމެ ބޮޑަށް ބަލާނީ އިގްތިސާދީ ކަންކަމަށް ކަމަށާއި، އަދި އިގްތިސާދު ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނީ ޒުވާނުންނާ އެކުގައި ކަމަށާއި، ސިޔާސީ ކަންކަން ގެންނާނީ އެއަށްފަހުކަމަށެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޓިއެމްއޭގެ ޗެއަރމަން، ރިޗަރޑް ބީ ސަލްދާޔާ ވަނީ ރާއްޖެއަކީ ދިގު މުއްދަތަކަށް އިންވެސްޓް ކުރުމަށް ރަނގަޅު މަސްޒިލެއްކަން ފާހަގަ ކުރައްވާފައެވެ. އަދި ރާއްޖޭގެ ޒުވާނުންގެ ކުރިއެރުމަށް ޓީއެމްއޭއިން އަބަދުވެސް ފުރުސަތު ދެއްވާނެ ކަމަށާއި، އެގޮތުން އެކި ދާއިރާތަކުން ޒުވާނުންނަށް ޓީއެމްއޭއިން ފުރުސަތުތަކެއް ފަހި ކޮށްދެއްވާނެ ކަމަށް ރިޗަރޑް ވިދާޅުވިއެވެ.


 
 


ޓީއެމްއޭގައި މަސައްކަތްކުރާ 60 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އޭގެ ތެރޭގައިވެސް ގިނައީ ޒުވާނުންނެވެ. ރޭގައި ހަވާލު ކުރެވުމު ސްކޮލަރޝިޕަކީ، ޓީއެމްއޭގެ ޔޫތް ޑިވެލޮޕްމެޓް ޕްރޮގްރާމްގެ ދަށުން ހުޅުވާލި ފުރުސަތެކެވެ.