ޚަބަރު

އިދިކޮޅު ފަރާތްތަކަށް ޤައުމު ހިންގަން ލިބުމުން ކަންކުރިގޮތް ދިވެހިން ވިސްނަންޖެހޭ - ޑރ މުއިއްޒު


ވޯޓްލާން ނުކުތުމުގެ ކުރިން އިދިކޮޅު ފަރާތްތަކަށް ޤައުމު ހިންގަން ލިބުމުން ކަންކުރި ގޮތާއި މެދު ދިވެހި ރައްޔިތުން ރަގަޅަށް ވިސްނަންޖެހޭކަމަށް ހައިސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މުއިއްޒު މިހެން ވިދާޅުވީ މ. ދިއްގަރު ބަނދަރާ އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމްގެ ޚިދުމަތް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މ. ދިއްގަރު ބަނދަރާއި އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމްގެ ޚިދުމަތް ރަަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއެވެ. ރައީސުލްޖުމްހޫރިއްޔާ ދިއްގަރަށް ވަޑައިގަތީ އެމަނިކުފާނު، މިއަދު މުލަކަތޮޅުގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ. ދިއްގަރު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށު ބަނދަރުވަނީ 750 ފޫޓަށް ދިގުކޮށް 260 ފޫޓަށް ފުޅާކޮށްފައެވެ. އަދި ބޭރުތޮށީގައި 452 މީޓަރުގައި ބޮޑު ހިލަޖަހައި 23 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖަހާފައިވެއެވެ. ދަޢުލަތުގެ ބަޖެޓުން 49 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުއެވެ. ދިއްގަރު ބަނަދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފެށީ 2015ވަނަ އަހަރުއެވެ.

ދިއްގަރުގައި ނަރުދަމާ ނިޒާމަކީ އެމްޑަބްލިއުއެސްއީން ކުރިއަށްގެންދިޔަ މި މަޝްރޫޢެކެވެ. މީ ދައުލަތުގެ ބަޖެޓުންވަނީ 26މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫޢުގެދަށުން ދެ ޕަމްޕް ސްޓޭޝަނާއި 4.3ކިލޯ މީޓަރުގެ ނަރުދަމާގެ ވިއުގައެއް ޤާއިމުކޮށްފައިވެއެވެ. އަދި ނަޖިސްބޭރުކުރުމަށް 340 މީޓަރުގެ އައުޓްފޯލް ހޮޅި އަޅާފައިވެއެވެ. މިދިޔަ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެރަށުގެ 249 ގެއަށް ނަރުދަމަގެ ޚިދުމަތް ދިނުމަށްވަނީ ފަށާފައެވެ.

ދިއްގަރު ބަނދަރާ އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމްގެ ޚިދުމަތް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުތަކާއި މި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތައް އަޅާކިޔަންޖެހޭކަމަށެވެ. މިހާރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކަށް ސަރުކާރު ހިންގަން ލިބުމުން ކަންކަން ކުރިގޮތް ރައްޔިތުން ވިސްނަންޖެހޭކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން ގައުމު ތަރައްޤީކުރުމުގެ ބަދަލުގައި އެތަނަނެއް ފަހަތަސް ޖައްސާލާ ޤައުމު ފަނާކޮށޤފައިވާކަން ހަދާންކުރަންޖެހޭކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާޙިމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ދިވެހިންގެ އެއަރޕޯޓް ބޭރު ބަޔަކަށް ވިއްކާލުމުން އެއަރޕޯޓް އަލުން އަނބުރާ ދިވެހިންނަށް ހޯދާދިނުމަށް ދައުލަތުން ކުރި މަސައްކަތުން ދައުލަތަށް 320 މިލިއަން ޑޮލަރު ގެއްލުވެގެންދިޔަކަމަށެވެ. އަދި އެއީ ރާއްޖެއަށް އަންނަން އޮތް އެތައް ތަރައްޤީގެ މަޝްރުޢުއަކަށް ހުރަހަކަށްވެގެންދިޔަކަމަަށާއި އެ ފައިސާއިން ތަރައްޤީގެ މަޝްރޫޢުތަކަށް ހިންގިނަމަ 25 އެއަރޕޯޓް ހެދުން ނޫންނަމަ 100 ރަށުގެ ފެނާއި ނަރުދަމާ ނުވަތަ 50 ރަށުގެ ގިރާ ސަރަޙައްދުގެ ޙިމާޔަތްކުރުމުގެ މަޝްރޫޢު ހިންގޭނެކަމަށްވެސް މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ. މިނިސްޓަރ ތާރިޤް ވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށްވެސް ވަނީ ފާޑު ވިދާޅުވެފައެވެ.

މ. ދިއްގަރު ބަނދަރާއި އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމްގެ ޚިދުމަތް ރަަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ޖަލްސާގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބައިވެރިވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދިއްގަރަށް ވަޑައިގަތުމުން އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށްވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.