ޚަބަރު

މ. ދިއްގަރު ބަނދަރާއި ނަރުދަމާގެ ނިޒާމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށް ދެއްވައިފި


ރަޢީސުލްޖުމްހޫރިއްޔާ އަބްދުލް ޔާމިން އަބްދުލްޤައްޔޫމް މ. ދިއްގަރު ބަނދަރު ރަސްމީކޮށް ހުޅުވާދެއްވާ އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމްގެ ޚިދުމަތް އިފްތިތާޙުކޮށް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ދިއްގަރަށް ވަޑައިގަތީ އެމަނިކުފާނު، މިއަދު މުލަކަތޮޅުގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދިއްގަރަށް ވަޑައިގަތުމުން އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށްވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ރަށްރަށުގެ ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، ގިނަ ރަށްތަކެއްގެ ބަނދަރު ބޮޑުކޮށް، ޖާގަ އިތުރުކުރުމުގެ ގިނަ މަޝްރޫޢުތަކެއް އަންނަނީ ހިންގަވަމުންނެވެ. ދިއްގަރު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށު ބަނދަރުވަނީ 750 ފޫޓަށް ދިގުކޮށް 260 ފޫޓަށް ފުޅާކޮށްފައެވެ. އަދި ބޭރުތޮށީގައި 452 މީޓަރުގައި ބޮޑު ހިލަޖަހައި 23 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖަހާފައިވެއެވެ.
ދަޢުލަތުގެ ބަޖެޓުން 49 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުއެވެ. ދިއްގަރު ބަނަދަރުހެދުމުގެ ޢަމަލީ މަސައްކަތް ފެށީ 2015ވަނަ އަހަރުއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދިއްގަރުގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމުން ފާހަގަކޮށް އެ ޚިދުމަތްވެވްވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައިއެވެ. އެމްޑަބްލިއުއެސްއީން ކުރިއަށްގެންދިޔަ މި މަޝްރޫޢުަށް ދައުލަތުގެ ބަޖެޓުންވަނީ 26މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. 2017ވަނަ އަހަރުގެ ޖެނުއަރީމަހު ފެށި މި މަޝްރޫޢުގެ މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުއެވެ. މި މަޝްރޫޢުގެދަށުން ދެ ޕަމްޕް ސްޓޭޝަނާއި 4.3ކިލޯ މީޓަރުގެ ނަރުދަމާގެ ވިއުގައެއް ޤާއިމުކޮށްފައިވެއެވެ. އަދި ނަޖިސްބޭރުކުރުމަށް 340 މީޓަރުގެ އައުޓްފޯލް ހޮޅި އަޅާފައިވެއެވެ. މިދިޔަ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެރަށުގެ 249 ގެއަށް ނަރުދަމަގެ ޚިދުމަތް ދިނުމަށްވަނީ ފަށާފައެވެ.