ޚަބަރު

އެމްޕީއެލްގެ ހިދުމަތްތައް 24 ގަޑިއިރުގެ ޚިދުމަތްތަކަކަށް ބަދަލުކޮށްފި





 


މާލޭ ވިޔަފާރި ބަނދަރުން ދެމުން އަންނަ ހިދުމަތްތައް ސައުވީސް ގަޑިއިރުގެ ޚިދުމަތަށް ބަދަލުކޮށްފިކަމަށް އެމްޕީއެލްއިން ހާމަކޮށްފިއެވެ.


 
މިކަމާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން އެކުންފުނީގެ ކޯރޕަރޭޓް ސަރވިސަސް ޑިވިޝަން ގެ ހެޑް އިބްރާހިމް އަފްޒަލް ވިދާޅުވީ މި ނިންމުން ނިންމީ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ކަމަށާއި ސައުވީސް ގަޑި އިރު ހިދުމަތް ދޭން ނިންމާފައިވީ ނަމަވެސް ކޮންމެ ހުކުރު ދުވަހެއްގެ ހެދުނުގެ ވަގުތުތަކުގައި ހިދުމަތް މެދުކަނޑާ ލުމަށް ހަމަޖެހިފައިވާ ކަމަށެވެ.


 
ހިދުމަތްތައް ސައުވީސް ގަޑިއިރަށް ބަދަލުކުރާއިރު އިތުރު މުވައްޒަފުން ހޯދައި ތައްޔާރުވެފައިވާކަމަށްވެސް ބުނެއެވެ.


 
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެކުންފުނީގެ އޮޕްރޭޝަންގެ ޖެނެރަލް މެނޭޖަރ އަލީ އަހުމަދް ވިދާޅުވީ މިގެންނަ ބަދަލާއި ގުޅިގެން އެކުންފުނީގެ މަސައްކަތްތައް ފަންސާސް އިންސައްތަ އާއި ހަމައަށް އަވަސްވެގެންދާނެ ކަމަށެވެ. އެގޮތުން މިހާރު ކްލިއަރ ކުރުމުގައި ތިން ދުވަސް، ހަތަރު ދުވަސް ހޭދަވާ ބޯޓުތައް އެއްދުވަހުން ނުވަތަ ދޮޅު ދުވަހުން ނިންމާލުން އެއީ އެމްޕީއެލްގެ އަމާޒް ކަމުގައެވެ.


 
އެހެން ނަމަވެސް އެމްޕީއެލްގެ ހިދުމަތް ސައުވީސް ގަޑިއަރަށް ބަދަލްކުރުމާއި ގުޅިގެން އެކުންފުނީގެ މުވައްޒަފުންގެ ކޮންމެވެސް ވަރެއްގެ ޝަކުވާތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދަންވަރު ޑިއުޓީގައި ތިބޭ މުވައްޒަފުން ކެއިން ބުއިމުގެ ކަންތައް ހަމަޖައްސާނެ ގޮތެއް ނެތުމާއި ކުންފުނީގައި ތިން ޝިފްޓަށް މަސައްކަތް ކުރެވޭނެ ވަރަށް އިކުއިޕްމެންޓް ނެތްކަންވެސް މުވައްޒަފުން ފާހަގަ ކުރެއެވެ.


 
އެކުންފުނިން ބުނީ  އެކުންފުނީގެ ޚިދުމަތް ސައުވީސް ގަޑިއިރު ދޭގޮތަށް ނިންމީ މާލޭ ވިޔަފާރި ބަނދަރުގެ ބާރު ބޮޑުވެ، ބަނދަރަށް އަންނަ ބޯޓްތަކުގެ އަދަދު އިތުރުވުމުން ކަމަށާއި، އަދި ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ.


 
 


އެމްޕީއެލް އިން މިހާތަނަށް ހިދުމަތް ދެމުން އައިސްފައިވަނީ ހެދުނު ހަތްގަޑި ތިރީހުން ރޭގަނޑު އެގާރަ ޖެހުމާއި ހަމައަށެވެ.