ޚަބަރު

ކަރެކްޝަނަލް ސަރވިސްގެ ނަން ބަދަލުކުރުމަށް ހުށައެޅި އިސްލާޙް މަޖިލީހަށް ބަލައިގެންފި


ކަރެކްޝަނަލް ސަރވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސަރވިސްއަށް ބަދަލުކުރުމަށް ހުށައެޅި އިސްލާޙް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ. ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިސްލާޙް ހުށައެޅުމުގެ ބިލް މަޖިލީހަށް ބަލައިގަތީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުން ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި ވޯޓްގައި ބައިވެރިވި 33 މެމްބަރުންގެ އިއްތިފާޤުންނެވެ.

ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ 34 އިސްލާޙެއް ހުށައަޅުއްވާފައެވެ. މި އިސްލާޙްތައް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ގެނައި އިސްލާޙްތަކުގެ ތެރޭގައި މި ޤާނޫނުގެ ދަށުން ޖަލުތަކާއި ޕެރޯލްގެ އެންމެހައި ކަންކަން ބެލެހެއްޓުމަށްޓަކައި އުފައްދާފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނަން، ނޭޝަނަލް ޕްރިޒަން ސަރވިސްއަށް ބަދަލުކުރުމަށް ވަނީ ހުށައަޅާފައެވެ.

މި އިސްލާޙްގައި އެކި އެކި ޖިނާއީ ކުށްތަކަށް ޝަރުޢީ ކޯޓްތަކުން ކުރާ ޙުކުމްތަކުގެ ތެރެއިން، އެހެން ޤާނޫނަކުން ޙުކުމް ތަންފީޒުކުރުމަށް ވަކި އިދާރާއަކާ ޙަވާލުކޮށްފައިވާ ޙުކުމްތައް ފިޔަވައި އެހެނިހެން ހުރިހާ ޙުކުމްތައް ތަންފީޛްކުރާނީ ނޭޝަނަލް ޕްރިޒަން ސަރވިސްއިން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ނޭޝަނަލް ޕްރިޒަން ސަރވިސްގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުންދޭނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ކަމަށްވެސް އިސްލާޙްގައި ބަޔާންކޮށްފައިވެއެވެ.

ކުރިން ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދޭނީ މިނިސްޓަރެވެ. އެހެންނަމަވެސް މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމަށް ކަނޑައަޅާނީ މިނިސްޓަރުކަމަށް މި އިސްލާޙްގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ޕްރިޒަން ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ޤައިދީންގެ އަޙްލާޤީ މައްސަލަތައް ނުބެލޭގޮތަށް ވަނީ އިސްލާޙް ހުށައަޅާފައެވެ. އަލަށް ހުށައެޅި އިސްލާޙްގައިވާގޮތުން ޑިސިޕްލިނަރީ ބޯޑުން ބެލޭނީ އޮފިސަރުންނާއި މުވައްޒަފުން ކުރާ ކުށްތަކެވެ. އަދި ޤައިދީންނަށް ފުރައްސާރަ ކުރުމަކީވެސް ޖަލު މުވައްޒަފުންގެ ޑިސިޕްލިނަރީ ކުށެއްގޮތުގައި މި ބިލްގައި ހިމަނާފައިވެއެވެ.

ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ހުށައެޅި އިސްލާޙްގެ ދަށުން ޖަލު ޢަމުރުތައް ގެޒެޓްގައި ޝާއިޢުކުރާކަށް ނުޖެހެއެވެ. މި އިސްލާޙްގެ ދަށުން ޖަލު ޢަމުރުތަކަށް ޢަމަލުކުރަން ފަށާނީ އެ ޢަމުރެއް ޖަލުގައި ޢާންމުކުރާ ދުވަހުން ފެށިގެންނެވެ.

ބިލް ހުށައެޅުއްވި މާވަށު ދާއިރާގެ މެމްބަރު އަޙްމަދު އަޒްހާން ފަހްމީ ވިދާޅުވީ މި ބިލް ހުށައެޅި ސަބަބަކީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި އިތުރަށް ފުރިހަމަކުރަންޖެހޭ ބައެއް މުހިންމު ކަންކަން ހުރުމާއެކު އެކަންކަން ޙާސިލުކުރުމަށްޓަކައި އެޤާނޫނަށް ގެންނަންޖެހޭ އިޞްލާޙްތައް ގެނައުން ކަމަށެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމާއެކު ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ފުރަތަމަ ހަމަޖައްސާފައި އޮތީ ހެނދުނު 9 ޖެހިއިރު ނަމަވެސް، ކޯރަމް ހަމަނުވެގެން ޖަލްސާ ފަށާފައިވަނީ މެންދުރު ކުރީ 11 ޖެހިއިރުއެވެ. މިއަހަރު ފެށުނީއްސުރެ މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ބައިވެރިއެއްނުވެއެވެ. މަޖިލީހުގެ ކޯރަމަކީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ 25 އިންސައްތައެވެ. އެއީ 21 މެމްބަރުންނެވެ.