ޚަބަރު

ކާރިސީ ހިރާސް ކުޑަކުރުމާގުޅޭ ޚާއްޞަ ޕްރޮގްރާމެއް ވައިކަރަދޫ ސްކޫލުގައި ހިންގައިފި


ޤުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ހެދިފައިވާ ޕްލޭނަށް ފަރިތަކުރުމުގެ ގޮތުން ހދ.ވައިކަރަދޫ ސްކޫލުގައި އެމް.އެން.ޑީ.އެފުން ޚާއްޞަ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމަކީ، ސްކޫލު ފެންވަރުގައި ކާރިސީ ހިރާސް ބެލެހެއްޓުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިސްނަގައިގެން ސްކޫލުތަކުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންނާއި، އެންޖީއޯތަކާއި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ފަންނީ އެހީތެރި ކަމާއެއެކުގައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ޕްރޮގްރާމުގައި ގުދުރަތީ ކާރިސާއެއް މެދުވެރި ވެއްޖެނަމަ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ ގޮތާއި، ކާރިސާ ތަކުން ލިބޭ ގެއްލުން ކުޑަކުރެވިދާނެ ގޮތްތަކާއި ގުދުރަތީ ކާރިސާއެއް މެދުވެރިވާ ހާލަތެއްގައި ސްކޫލް ފެންވަރުގައި ރައްކާތެރި ވުމަށް ޕްލޭން ކުރާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޢުލޫމާތު ހިއްސާ ކޮއްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރާނެ ގޮތްތަކާއި، އަލިފާންނިވި އާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތްތައް ޢަމަލީގޮތުން ބައިވެރިންނަށް ދަސްކޮށްދީފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ޕްރޮގްރާމްގައި މަޢުލޫމާތު ދިނުމަށް ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންނެވެ.