ކުޅިވަރު

ޖުމެއިރާއާއި، ނިޔާމަ މޯލްޑިވެސް ޗެމްޕިއަންކަން ހޯދައިފި


އާރލާ އިންޓަރ ރިސޯޓް ވޮލީ މުބާރާތުގެ ޒޯން ދޭއްގެ ޗެމްޕިއަންކަން ޖުމެއިރާ ވިޓަވެލި ހޯދައިފިއެވެ.

ޖުމެއިރާ ޗެމްޕިއަންކަން ހޯދީ ވެލައްސަރު މޯލްޑިވްސްއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓް 25-22 އަދި 25-18 ން ޖުމެއިރާ ކާމިޔާބުކޮށްފައިވަނިކޮށް، ތިންވަނަ ސެޓް 25-23 ން ގެންދިޔައީ ވެލައްސަރެވެ. ނަމަވެސް ހަތަރުވަނަ ސެޓް 25- 14ން ހޯދާ ޖުމެއިރާ މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދިއެވެ. މިއީ ޖުމެއިރާ ވިދިވިދިގެން ޗެމްޕިއަންކަން ހޯދި ދެވަނަ އަހަރެވެ.

ސީދާ ތިންސެޓުން ކަނޑިންމަ ބަލިކޮށް، މި މުބާރާތުގެ ޒޯން ތިނެއްގެ ޗެމްޕިއަންކަން ހޯދީ ނިޔާމަ މޯލްޑިވެސްއެވެ. ނިޔާމަ ސެޓްތައް ކާމިޔާބުކުރީ 25-22 25-22، 25-23 ނެވެ.
ޒޯން ތިނެއްގެ ޑްރީމް ޓީމްގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކީ ނިޔާމަ ޓީމްގެ ރިފަތު ހަމީދުއެވެ، ދެވަނައަށް އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކީ ކަނޑިންމަ ޓީމްގެ ސައީދު މޫސާއެވެ. ބެސްޓް މިޑްލް ޕްލޭޔަރަކީ ކަނޑިންމަ ޓީމްގެ އިމާދު އަލީއެވެ. އެންމެ މޮޅު ސެޓަރަކީ ނިޔާމައި ޓީމްގެ އަބްދުލް ހާދީ ސާތިރުއެވެ. ބެސްޓް އޮޕޮސިޓް ޕްލޭޔަރަކީ ކަނޑިންމައިގެ އަކުމަލް އިބްރާހިމްއެވެ. ބެސްޓް ލިބަރޯއަކީ ނިޔާމައި ޓީމްގެ އިބްރާހިމް ރައުފްއެވެ. އެންމެ މޮޅު ކޯޗުގެ މަޤާމް ލިބުނީ ނިޔާމަ މޯލްޑިވްސްގެ ކޯޗު މުހައްމަދު ޝަރަފަށެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ނިޔާމައި ޓީމްގެ އަހުމަދު ފާޒިލްއެވެ.