ކުޅިވަރު

ޕެނަލްޓީގައި ރަޝިޔާ ބަލިކޮށް ކްރޮއޭޝިޔާ ސެމީ ފައިނަލަށް


ޕެނަލްޓީގައި ރަޝިޔާ ބަލިކޮށް ވޯލްޑްކަޕްގެ ސެމީ ފައިނަލުން ކްރޮއޭޝިޔާ ޖާގަ ހޯދައިފިއެވެ. ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފަހު ޖާގަ ކްރޮއޭޝިޔާ ހޯދީ މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ރަޝިޔާ އަތުން ހަތަރެއް ތިނަކުން ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމް އޮތީ އެކެއް އެކަކުން އެއްވަރުވެފައެވެ. ފުރަތަމަ ލީޑް ނެގީ ރަޝިޔާއިންނެވެ. މި ލަނޑު ޖަހައިދިނީ ޑެނިސް ޝެރިޝޭވްއެވެ. ކްރޮއޭޝިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަންދްރޭ ކްރަމަރިޗެވެ.

މެޗުގެ ނުވަދިހަ މިނެޓުގެ ކުޅުން ހަމަވިއިރު ދެ ޓީމް އެކެއް އެކަކުން އެއްވަރުވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެހާފު ކުޅުނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކްރޮއޭޝިޔާއިން ލަނޑެއް ޖަހައި އުއްމީދު ބޮޑުކުރިއެވެ. މި ލަނޑު ޖަހައިދިނީ ޑިފެންޑަރ ވީޑާއެވެ. އެކަމަކު އިތުރުވަގުތުގެ ދެވަނަ ހާފުގައި މާރިއޯ ފެނާންޑޭސްވަނީ ރަޝިޔާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ރަޝިޔާއިން ދެ ޕެނަލްޓީ ބޭކާރުކޮށްލިއެވެ. ސްމޮލޯވް ފޮނުވާލި ޕެނަލްޓީ ސުބަސިޗް ދިފާއުކުރިއިރު، ފެނާންޑޭސްގެ ޕެނަލްޓީ ގޯލާއި އަމާޒެއް ނުވިއެވެ. އެޓީމުން ޕެނަލްޓީ ކާމިޔާބުކުރި ތިން ކުޅުންތެރިންނަކީ ޒަގޮއޭވް، އިގްނޭޝެވިޗް އަދި ކުޒްޔޭވްއެވެ.

ކްރޮއޭޝިޔާގެ ކޮވަސިޗް ޖެހި ޕެނަލްޓީ ރަޝިޔާގެ ކީޕަރު އަކިންފީވް ދިފާއުކުރި ނަމަވެސް އެޓީމުން އަނެއް ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއެވެ. ކްރޮއޭޝިޔާއިން ކާމިޔާބުކުރީ ބްރޮޒޮވިޗް، މޮޑްރިޗް، ވީޑާ އަދި ރަކިޓިޗް ޖެހި ޕެނަލްޓީތަކެވެ.

މި ނަތިޖާއާއިއެކު ކްރޮއޭޝިޔާވަނީ 20 އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ވޯލްޑްކަޕްގައި މިހާތަނަށް ކްރޮއޭޝިޔާއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ 1998ގެ ވޯލްޑްކަޕް ތިންވަނަ ހޯދުމެވެ. މިފަހަރު އެކާމިޔާބީއަށްވުރެ ބޮޑު ކާމިޔާބަކަށް އެގައުމުގެ ކުޅުންތެރިން އުއްމީދުކުރެއެވެ.

ސެމީ ފައިނަލްގައި ރަޝިޔާ ނިކުންނާނީ ސްވިޑެން ބަލިކޮށް ސެމީން ޖާގަ ހޯދި އިންގްލެންޑާއި ދެކޮޅަށެވެ.