ޚަބަރު

"ޕިއްޒާ މަމާ މިއާ" ރެސްޓޯރެންޓްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި


"ޕިއްޒާ މަމާ މިއާ" ރެސްޓޯރެންޓްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ.

މާލޭގައި މުޅިން އަލަށް ހުޅުވި މި ރެސްޓޯރެންޓް ހުޅުއްވައިދެއްވީ، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީއެވެ. ރެސްޓޯރެންޓް ހުޅުވުމަށްފަހު މިނިސްޓަރ ޒެނީޝާވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނާއެކު ރެސްޓޯރަންޓުގައި ވަގުތު ހޭދަކުރައްވާފައެވެ. ޕިއްޒާ މަމާ މިއާ ރެސްޓޯރެންޓަކީ ދިވެހިންނަށާއި، ޚާއްޞަކޮށް ކުޑަކުދިންނަށް ކަމުދާގޮތަށް ޑިޒައިންކޮށްފައިވާ ތަނެކެވެ.

މި ރެސްޓޯރެންޓް ހުޅުއްވައިދެއްވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބައިވެރިކޮށްގެން ވިޔަފާރިތަކުން ސީއެސްއާރު އިވެންޓްތައް ހިންގުމަށް ސަރުކާރުން ބާރުއަޅާކަމަށެވެ. އަދި މިފަދަ ހަރަކާތްތަކަކީ އެކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބޭ ފުރުޞަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރެސްޓޯރެންޓް ހިންގާ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ އަޙްމަދު ޖަލީލް ވިދާޅުވީ، މި ރެސްޓޯރެންޓަށް ލިބޭ ފައިދާގެ 5 އިންސައްތަ ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުދިންނަށް ހަދިޔާކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެކުދިންނަށް އެހީތެރިވުމަށްޓަކައި، އެކުދިންނަށް ބޭނުންވާކަންކަން މިނިސްޓްރީ މެދުވެރިކޮށް ސާފުކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ޕިއްޒާ މަމާ މިއާ ރެސްޓޯރެންޓް ހިންގަނީ މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ހިންގާ ކުންފުނިންނެވެ. އެކުންފުނިން ބުނީ މިފަދަ އިތުރު ރެސްޓޯރެންޓެއް ހުޅުމާލޭގައިވެސް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަލަށް ހުޅުވި ޕިއްޒާ މަމާ މިއާ ރެސްޓޯރެންޓް ހުންނަނީ ސަބްދެރިޔާ މަގުގައެވެ.