ޚަބަރު

12 މެންބަރުންގެ ގޮނޑީގެ މައްސަލާގައި ދެން އޮންނާނީ ހުކުމް



ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް މިދޔަ ފެބްރުއަރީ މަހު ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ނިންމި ނިންމުން ބާތިލުކުރުމަށް ދައުލަތުގެ ބަންޑާރަ ނައިބް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

އިންތިހާބުވާ ޕާޓީ ބަދަލުވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެކަމަށް ސުޕްރީމްކޯޓުން ކަނޑައެޅީ މިދިިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައިއެވެ. އެހެންނަމަވެސް ސުޕްރީމްކޯޓުން މިދިޔަ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި އެ ނިންމުން ވަނީ ބާތިލުކޮށްފައެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ދައުލަތުގެ ބަންޑާރަ ނާއިބުގެ ފަރާތުން އެ މައްސަލަ ހުށައެޅިއިރު ސުޕްރީމްކޯޓްގެ ބެންޗުގައި ތިއްބެވީ ތިން ފަނޑިޔާރުންނެވެ. މި މައްސަލައިގެ މިއަދު އަޑުއެހުމެއް ބާއްވާފައިވަނީ ބެންޗް ބަދަލުވެފައިވާތީ އިޖުރާއަތުތައް ފުރިހަމަކުރުމަށެވެ. މި މައްސަލަ އަލުން ބަލާފައިވަނީ ސުޕްރީމުކޯޓަށް އަލަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުންނާއި އެކު އެކޯޓްގެ ފުލް ބެންޗުންނެވެ.

މިއަދުގެ އަޑުއެހުން ފައްޓަވަމުން އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މި މައްސަލާގަައި ކުރިން ބަންޑާރަ ނައިބުގެ ފަރާތުން ފާހަގަކުރި ކަންތައްތަކަށް މައްސަލަ ނިންމުމުގައި ރިއާޔަތްކުރައްވާނެކަމަށެވެ. އަދި އިތުރުކަމެއް ފާހަގަކުރަން އޮތްނަމަ އެކަން ކުރުމުގެ ފުރުސަތު ދައުލަތުގެ ވަކީލުންނަށް ދެއްވިއެވެ.

ދައުލަތުގެ ފަރާތުން ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ މާޝާ ލުތުފީ ވަނީ ދައުލަތުން ފާހަގަކުރާ ކަންކަން ހުލާސާކޮށް ހުށައަޅާފައެވެ. އެގޮތުން މެންބަރުންގެ ގޮޑި އާއި ގުޅޭގޮތުން މިދިޔަ އަހަރުގެ ޖުލައިމަހު ކުރި ހުކުމް ފެބްރުއަރީ މަހު ނެރުނު އަމުރުން ބާތިލުކުރުމަކީ ޤާނޫނު އަސާސީ އާއި ހިލާފުކަމެއްކަމަށް މާޝާ ވިދާޅުވިއެވެ. އަދި ކުރީގެ ހުކުމް ފަހުން ބާތިލުކުރީ އެ ނިންމުމުގައި ޤާނޫނީ މައްސަލަތަކެެއް ހުރެގެން ނޫންކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ނިމްވާލެއްވީކަމަށާއި ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް ކުރުންކަމަށެވެ. އެހެންނަމަވެސް ހުކުމްކުރައްވާނެ ތާރީހެއް އިއުލާނެއް ނުކުރައްވައެވެ.