ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު "ހެކަތޯން" މި ފަހަރު ރާއްޖޭގައި


ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ހެކަތޯން "އޭންޖަލް ހެކް" ރާއްޖޭގައި ބޭއްވުމަށް ނިންމައި މި ޙަރަކާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

"އޭންޖަލް ހެކް"އަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ސަތޭކަ ފަންސާސް ހާހަށްވުރެ ގިނަ ޑިވެލޮޕަރުން އެއް ޕްލެޓްފޯމަކުން ބައްދަލުވެ ތަފާތު އާ އީޖާދުތައް ކުރުމަށް އުފައްދާފައިވާ ޕްލެޓްފޯމެކެވެ. އެކި ޤައުމުތަކުން ޕްރޮގްރާމަރުންނާއި، ސޮފްޓްވެއަރ ޑިވެލޮޕަރުންގެ އިތުރު އީޖާދުތަކާއި ހުނަރު ދައްކާލުމަށް ގިނަ ބަޔަކު ބައިވެރިވެގެން ބާއްވާ މި ހަރަކާތް މި އަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާއިރު، މިކަމުގައި ރާއްޖެއިން އިސްކޮށް ހަރަކާތްތެރިވަނީ ސްޕާކްހަބުންނެވެ.

ދިރާގުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހެކަތޯން ލޯންޗްކޮށްދެއްވީ ދިރާގުގެ އެކްޓިންގ ޗީފް މާކެޓިން އޮފިސަރ އަޙްމަދު މައުމޫނެވެ. މައުމޫން ވިދާޅުވީ މިއީ ދިވެހި ޒުވާން، ޑިވެލޮޕަރުންނަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށެވެ. ކޯޑަރސްއާއި ޑިވެލޮޕަރސްގެ މިފަދަ ޕްލެޓްފޯމެއްގެ ސަބަބުން ޓެކްނޮލޮޖީގެ އާ ޙިޔާލުތަކާއި، އުފެއްދުންތެރިކަމާއި، އަދި މިދާއިރާއިން ޒުވާނުންނަށް ވިޔަފާރިތައް ފެށުމަށްވެސް މަގުފަހިވެގެން ދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މިފަދަ ޕްލެޓްފޯމެއްގެ ސަބަބުން ދިވެހި ޒުވާނުންގެ ހުނަރުތަކާއި، އުފެއްދުންތައް މުޅި ދުނިޔެއަށްވެސް ދައްކާލުމަށް އިތުރު ފުރުޞަތެއް ލިބިގެންދާނެކަން މަޢުމޫން ފާހަގަކުރެއްވިއެވެ.

ސްޕަރކްހަބްގެ މެނޭޖިންގ ޕަރޓްނަރ ޢަލީ ހާރިސް ވިދާޅުވީ ރާއްޖޭގައި ބާއްވާ "ހެކަތޯން"ގައި 60 ޤައުމަކުން ބައިވެރިވާނެކަމަށެވެ. އަދި މި ހަރަކާތުން އެންމެ މޮޅު އުފެއްދުން އުފައްދާ ފަރާތަކަށް ސެންފްރެންސިސްކޯގައި ބާއްވާ "ގްލޯބަލް ޑެމޯޑޭ"ގައި ބައިވެރިވެ އެފަރާތުގެ އުފެއްދުން ދައްކާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.

ރާއްޖޭގައި ބާއްވާ "ހެކަތޯން" ކުރިއަށްދާނީ މިމަހުގެ 21 އަދި 22 މި ދެ ދުވަހުއެވެ.