ކުޅިވަރު

ނިއުއާއީ އީގަލްސް އެއްވަރު


ދެޓީމްގެ ބިދޭސީ ކުޅުންތެރިންގެ ގޯލްތަކާއެކު ނިއުރޭޑިއެންޓާއި އީގަލްސް އެއްވަރުވެއްޖެއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އީގަލްސްއާއި ނިއު ވާދަކޮށް 2-2 ލަނޑުން އެއްވަރުވި މެޗްގައި ނިއުގެ ދެ ލަނޑުވެސް ޖަހައިދިނީ ބިދޭސީ ފޯވާޑް ކިޕްސަންއެވެ. ކިޕްސަން ނިއުއަށް ލީޑް ނަގައިދިނީ މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައެވެ. ނަމަވެސް މެޗްގެ ދެވަނަ ހާފްގެ 28 ވަނަ މިނެޓްގައި ޑިކްސަން ލުއިސް ވަނީ ގޯލެއްޖަހާ އީގަލްސްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ތިން މިނެޓް ފަހުން އީގަލްސްއިން ވަނީ އިތުރު ލަނޑެއްޖަހާ ފުރަތަމަ ފަހަރަށް މެޗްގެ ލީޑް ހޯދާފައެވެ. މި ގޯލް ދެވަނަ ހާފްގެ 31 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމްވެސް ހޯދި ބިދޭސީ ކުޅުންތެރިޔާ ޕާރސީނޯ އެޑްއާޑޯއެވެ. އީގަލްސްގެ ލީޑަށްފަހު ދެވަނަ މިނެޓްގައި ނިއުގެ ކިޕްސަން ވަނީ އޭނާގެ ދެވަނަ ގޯލްޖަހާ ނިއުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗަށްފަހު އީގަލްސެގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، އެއްވަރުވުމަކީ އިދިކޮޅު ޓީމަށްވެސް ގެއްލިގެންދާ ޕޮއިންޓެއްކަމުން، މޮޅު ޓީމެއްގާތުން އެއްވަރުވުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މެޗްގެ ފުރަތަމަ ހާފް ނިއުއިން ކޮންޓްރޯލްކޮށްގެން ކުޅުނުނަމަވެސް ދެވަނަ ހާފް ޑޮމިނޭޓްކުރީ އީގަލްސް ކަމުން މި މެޗަކީ ވަރަށް ހަމަހަމަ މެޗެއްކަމަށެވެ.

ނިއުގެ ކޯޗް އޮސްކާވެސް ބުނީ މި މެޗަކީ މިހާތަނަށް ދަނޑުން ފެނުނު އެންމެ ރީތި އެޓޭކިންގ މެޗު ކަމަށާއި، ދެޓީމުންވެސް ބެލީ ވަގުތު ބޭކާރުނުކޮށް މޮޅުވެވޭތޯ ކަމަށެވެ. ނަމަވެސް މި މެޗްގައި ނިއުގެ ފަރާތުން ފެނުނީ ކުރީގެ މެޗްތަކަށްވުރެ ދަށް ކުޅުމެއްކަމަށެވެ.

މާލެ ލީގުން ޕްރިމިއަރ ލީގަށް ކޮލިފައިވި މިދެޓީމަކީ މާލެ ލީގުގެ އެންމެ ކުރީގައި އޮތް ދެޓީމެވެ.