ކަނޑުމަގުން ކުރިމަތިވެދާނެ ޓެރަރިޒަމްގެ ނުރައްކަލާއި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.
"ޓްރާންސްޕޯޓް ރިލޭޑެޓް މެރިޓައިމް ކައުންޓަރ ޓެރަރިޒަމް" ގެ ނަމުގައި މިއަދު ފެށި މިމަސައްކަތު ބައްދަލުވުމަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއޭންއޯޑީސީ) އަދި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.
3 ދުވަހުގެ މުއްދަތަށް ހޮޓެލް ޖެންގައި ކުރިއަށްދާ މިބައްދަލުވުމުގައި ސަރުކާރުގެ 12 މުއައްސަސާއަކުން 30 ބޭފުޅުން ބައިވެރިވެއެވެ. މަސައްކަތު ބައްދަލުވުމުގައި މެރިޓައިމް ޓެރަރިޒަމާއި ކަނޑުމަގުން ކުރިމަތިވެދާނެ ސަލާމަތީ ގޮންޖެހުންތަކާއި، އެފަދަ ގޮންޖެހުންތައް ޙައްލުކުރުމަށް ޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާ ބެހޭގޮތުން، ދިވެހިރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކާއި ޔޫއެންއޯޑީސީ އަދި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ ތަޖުރިބާކާރުން މަޢުލޫމާތު ދެއްވާނެއެވެ.
މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރުއެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން ސެކްރެޓަރީ ވަނީ މިފަދަ ބައްދަލުވުމެއްގެ މުހިންމުކަމާއި، ޓެރަރިޒަމް އާއި ވައިލެންޓް އެކްސްޓްރީމިޒަމް ހުއްޓުވުމަށް ރާއްޖޭގެ ސަރުކާރާއި ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން ކުރައްވާ މަސައްކަތް ފާހަގަކުރައްވާފައެވެ.
މިބައްދަލުވުމުގައި އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރ މިސް ޝޯކޯ ނޯޑާ އާއި ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.