ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފޯކޭ ކޮލިޓީގެ ރާއްޖޭގެ ޓީވީޗެނަލެއް މިރޭ ދައްކައިފިއެވެ.
"ޓީވީއެމް ފޯކޭ" ޗެނަލް މިރޭ ފުރަތަމަފަހަރަށް ދައްކަން ފަށާފައިވާއިރު، ރަސްމީކޮށް މިޗެނަލް ލޯންޗްކޮށްދެއްވީ މިދިޔަމަހުގެ 28 ވަނަދުވަހު ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ.
"ޓީވީއެމް ފޯކޭ" ޗެނަލް އިން ފުރަތަމަ ދައްކާފައިވަނީ މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ދެވަނަބުރުގައި ބެލްޖިއަމްއާއި ޖަޕާން ބައްދަލުކުރި މެޗެވެ. ޓީވީއެމް ފޯކޭ ދިރާގުޓީވީން ދަނީ ރީބްރޯޑްކާސްތްކުރަމުންނެވެ.
ޓީވީއެމް ފޯކޭ ޗެނަލަކީ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް އެންމެ ކޮލިޓީކޮށް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ޕީއެސްއެމުން ލޯންޗްކުރި ޗެނަލެކެވެ. އަލްޓްރާ ހައިޑެފިނިޝަންކޮށް ނުވަތަ ފޯކޭ ކޮލިޓީގައި ވޯލްޑްކަޕްގެ 10 މެޗެއް ފީފާއިން ބްރޯޑްކާސްޓްކުރާނެއެވެ. މި 10 މެޗުވެސް ޓީވީއެމްގެ ބެލުންތެރިންނަށް ފޯކޭ ކޮލިޓީގައި ޕީއެސްއެމުން ގެނެސްދޭނެއެވެ.
ޕީއެސްއެމްގެ އަމާޒަކީ އާންމު ޚިދުމަތެއްގެ ގޮތުގައި ބްރޯޑްކާސްޓިންއާއި ސޯސަލް މީޑިއަމާއި އެހެންހެން މީޑިއަމްތަކުގެ ތެރެއިން އާންމުނަށް ވީހާވެސް ފުޅާދާއިރާއެއްގައި ޕީއެސްއެމްގެ ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ބުނެއެވެ.