ޚަބަރު

މަޑިފުއްޓާއި ކަނޑޫދޫ ސްކޫލުގައި އިތުރު ކްލާސްރޫމްތަކެއް އަޅަނީ


ތ.މަޑިފުއްޓާއި، ތ.ކަނޑޫދޫ ސްކޫލުގައި ކްލާސްރޫމް ޢިމާރާތްކުރުމަށް ކޮންޓްރެކްޓަރަކާ ޙަވާލުކޮށްފިއެވެ.

ތ.މަޑިފުށީ ސްކޫލުގައި އަލަށް ޢިމާރާތްކުރާ ކްލާސްރޫމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސީނިޔަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލްއެވެ. ޓްރައިސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ވަހީދެވެ. ދެމިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން މަޑިފުށީ ސްކޫލަށް އިތުރުކުރާ ކްލާސްރޫމް ޢިމާރާތް ނިންމުމަށް ދީފައިވަނީ 120 ދުވަހެވެ.

ތ.ކަނޑޫދޫ ސްކޫލަށް އިތުރުކުރާ 3 ކްލާސްރޫމް ހިމެނޭ ޢިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ "ތްރީ ބީ" ކޮމްޕެނީއާއެވެ. މި އެއްބަސްވުމުގައިވެސް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލްއެވެ. ތްރީ ބީ ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިރުޒާއެވެ. އެއްމިލިޔަން ހަތްލައްކަ ވިހިހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ މި ޢިމާރާތުގެ މަސައްކަތް ނިންމުމަށް ދީފައިވަނީ 87 ދުވަހެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިޔަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވީ މި ދެރަށުގައި ޢިމާރާތް ކުރާ ކްލާސްރޫމްތައްވެސް އަންނަ ދިރާސީ އަހަރު ފެށޭއިރު ދަރިވަރުންނަށް ބޭނުންކުރަން ފެށޭނެކަމަށެވެ.

ތ. މަޑިފުއްޓާއި، އެއަތޮޅު ކަނޑޫދޫ ސްކޫލަށް އަލަށް އިތުރުކުރާ ކްލާސްރޫމް ޢިމާރާތުގެ ކޮންޓްރެކްޓަރުންވެސް ވިދާޅުވީ ދީފައިވާ މުއްދަތަށް ނިންމުމަށް މަސައްކަތް ކުރާނެކަމަށެވެ.

މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީދާއިރާގެ މެންބަރު ރިޔާޒް ރަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރިޔާޒް ރަޝީދު ވިދާޅުވީ 2004 ވަނަ އަހަރުގެ ސުނާމީއަށްފަހު މަޑިފުށީ ސްކޫލް ޢިމާރާތުގެ ހާލަތު ވަރަށް ދަށްވެފައިކަމަށާއި، 3 ސަރުކާރު ބަދަލުވެގެންދިޔައިރުވެސް އެކަމަށް ހައްލެއް ނުލިބިވާކަމަށް. ނަމަވެސް މިއަދުގެ ސަރުކާރުން މިކަމަށް ހައްލެއް ގެނައުން މީ މިސަރުކާރުން ތަޢުލީމަށް ދެއްވާ އަހައްމިއްޔަތު ދައްކުވައިދޭކަމެއްކަމަށް ރިޔާޒް ވިދާޅުވިއެވެ.

ނުވަ ކްލާސްރޫމް ހިމެނޭ ތ.މަޑިފުށީ ސްކޫލަކީ ފައުންޑޭޝަން ލެވެލް އިން ފެށިގެން ގްރޭޑް 10 އަކާ ހަމަޔަށް ކިޔަވައިދޭ ސްކޫލެކެވެ. މިސްކޫލްގައި މިހާރު ކިޔަވަމުންދަނީ 198 ދަރިވަރުންނެވެ.
ތ. ކަނޑޫދޫ ސްކޫލުގައި 8 ކްލާސްރޫމް ހިމެނޭއިރު މި ސްކޫލުގައިވެސް ފައުންޑޭޝަން ލެވެލް އިން ފެށިގެން ގްރޭޑް ދިހަޔަކާ ހަމަޔަށް ކިޔަވައިދޭ. މި ސްކޫލުގައި 101 ދަރިވަރުން ކިޔަވަމުންދެއެވެ.