ޚަބަރު

އިސްލާހުކުރި ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި


ވޯޓާސް ލިސްޓަށް ހުށައެޅީ ޝަކުވާތައް އިސްލާހުކޮށް އަލުން އެކުލަވާލި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ރިޔާސީ އިންތިޚާބަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތައް އިޞްލާޙުކޮށް އާ ލިސްޓު އީސީން އާޢްމުކޮށްފައިވަނީ އިއްޔެއެވެ. އިސީން ބުނީ އާ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިމަހުގެ 12 ވަނަދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އަދި ލިސްޓަށް ހުށައަޅާ ޝަކުވާތައް އިލެކްޝަންސް ކޮމިޝަނުންނާއި ރަށު ކައުންސިލްތަކުން ބަލައިގަންނަމުންދާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ޢާންމުކުރި ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތުގައި އެ ލިސްޓަށް 1700އަށް ވުރެ ގިނަ ޝަކުވާ ވަނީ ހުށައަޅާފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން އަލުން ވޯޓަރސް ލިސްޓު އާއްމުކުރީ ކުރީގެ ލިސްޓަށް 1254 އިޞްލާޙެއް ގެނައުމަށްފަހުއެވެ. އޭގެތެރޭގައި ކުރީ ލިސްޓްގައި ހިމެނިފައިވާ 18 އަހަރު ނުވާ 734 ކުއްޖެއްގެ ނަން ލިސްޓުން އުނިކޮށްފައިވާކަމަށް އީސީން ބުނެއެވެ.

އިލެކްޝަންސް އިން ޢާންމުކޮށްފައިވާ ވޯޓަރސް ލިސްޓުގައިވާ ގޮތުން އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްޤު 263،000 މީހުންނަށް ލިިބެއެވެ. އޭގެތެރެއިން 24،000 އަކީ އަލަށް ވޯޓްލާ ޒުވާނުން ކަމަށް ބެލެވެއެވެ.

އިޞްލާޙުތަކާއި އެކު އާ ވޯޓަރސް ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާއިރު މި މަހުގެ ތެރޭގައި ވޯޓަރސް ރީ ރެޖިސްޓްރޭޝަނަށް ފުރުޞަތު ހުޅުވާލާނެ ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.