ޚަބަރު

އައިފެކްގެ މެންބަރަކަށް ވުމުގެ ދައުވަތު ރާއްޖެއަށް


އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) ގެ މެންބަރަކަށް ވުމުގެ ދަޢުވަތު ރާއްޖެއަށް ލިބިއްޖެއެވެ. އައިފެކްގެ މެންބަރަކަށް ވުމުގެ ދަޢުވަތު ރާއްޖެއަށް ދީފައިވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ޖަމްޢިއްޔާގެ ނާއިބު ރައީސް ޑރ.އިންކީ ޖޫ ރާއްޖޭގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އޮޑިޓް އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި (އައިފެކް) ގެ މެންބަރަކަށް ރާއްޖެ ހެދުމަށް މަސައްކަތްކޮށް ދެއްވާނެކަމުގެ ޔަޤީންކަން ޑރ. އިންކީ ޖޫ ދެއްވާފައިވާކަމަށްވެސް އޮޑިޓް އޮފީހުން ބުނެއެވެ.

މިބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ މަސައްކަތް ރާވާ ހިނގާ ގޮތުގެ މަޢުލޫމާތާއި ރާއްޖޭގައި އޮޑިޓިންގ އާއި އެކައުންޓިންގ ޕްރޮފެޝަނަލް ބޮޑީއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ޑރ. އިންކީ ޖޫ އަށް އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތު ހިއްސާކޮށްފައިވާކަމަށް އޮޑިޓަރ ޖެެނެރަލްގެ އޮފީހުން ބުނެއެވެ.

ޑރ. އިންކީ ޖޫ ރާއްޖެވަޑައިގަތީ އޮޑިޓް އޮފީހުން ބާއްވާ އެކައުންޓްސް ފޯރަމް 2018 ގައި ސްޕީކަރއެއްގެ ގޮތުގައި ތަގުރީރުކުރެއްވުމަށެވެ. ޑރ. އިން ކީ ޖޫ އަކީ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް މިދައުރުގެ ނާއިބު ރައީސްއެވެ. އަދި ކުރިއަށް އޮތް ދައުރުގައި އައިފެކްގެ ރައީސްކަމުގެ މަޤާމުވެސް ފުރާނީ ޑރ. އިންކީ ޖޫއެވެ.