ކުޅިވަރު

ޕެނަލްޓީގައި ޑެންމާކް ބަލިކޮށް، ކޮރޭޝިޔާ ކްއާޓަރ ފައިނަލަށް!


ޕެނަލްޓީގައި ޑެންމާކް ބަލިކޮށް، ކްރޮއޭޝިއާ ފީފާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

ވަރލްޑް ކަޕްގެ ދެވަނަ ބުރުގައި ޑެންމާކާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމްވެސް އޮތީ އެއް ލަނޑު ޖަހާފައެވެ. މިމެޗުގައި ފެނުނު ދެ ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ ޑެންމާކުންނެވެ. މިލަނޑު މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ޑެންމާކަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޔޯގެންސަންއެވެ.
އަދި ކްރޮއޭޝިއާ މެޗުގައި ނަތީޖާ ހަމަ ހަމަ ކުރީ އޭގެ ތިން މިނެޓް ފަހުން މެޗުގެ ހަތަރު ވަނަ މިނެޓުގައި ފޯވާޑް މާރިއޯ މަންޒޫކިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
90 މިނިޓް ހަމަވެ އިތުރު ވަގުތުގެ ފަނަރަ މިނިޓުގެ ދެ ހާފްގައިވެސް އިތުރު ލަނޑެއް ނުޖެހުނެވެ.

އެހެންނަމަވެސް އިތުރުވަގުތުގެ ދެވަނަ ހާފްގައި ކްރޮއޭޝިއާއަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެއީ ކްރޮއޭޝިއާގެ ރެބިޗް ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާއަށްވަދެ ކީޕަރު ކައިރިންވެސް ނައްޓާލި ފަހުން ފަހުތުން އައިސް ޑެންމާކްގެ ޔޯގެންސަން ކުރި ފައުލްއަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ޕެނަލްޓީ ޖަހަން ދިޔައީ ކެޕްޓަން ލުކަ މޮޑްރިޗްއެވެ. މޮޑްރިޗްގެ ޕެނަލްޓީ ދިފާއުކުރީ ޑެންމާކް ކީޕަރު ޝްމައިކަލްއެވެ.
އިންގްލޭންޑްގެ ލެސްޓަރ ސިޓީގައި ކްލަބް ފުޓްބޯޅަ ކުޅޭ ޝްމައިކަލް ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައިވެސް ކްރޮއޭޝިއާއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ މަތަ ކޮށްފައެވެ. އެހެންނަމަވެސް ކްރޮއޭޝިއާގެ ކީޕަރު ސުބަސިކް ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ މަތަ ކޮށްފައެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލްގައި ކްރޮއޭޝިއާ ބައްދަލުކުރާނީ ޕެނަލްޓީގައި ސްޕެއިން ބަލިކޮށް ކުއާޓަރއަށް ދަތުރުކުރި ރަޝިއާ އާއެވެ.