ޚަބަރު

ޙުދައިދާގައި ހިންގާ އޮޕަރޭޝަން މެދުކަނޑާލަން ޔޫ.އޭ.އީ އިން ނިންމައިފި


ޔަމަންގެ ހުދައިދާގެ ބަނދަރު، ޙޫޘީ ޖަމާއަތުގެ އަތްދަށުން މިނިވަންކުރުމަށް ހިންގާ އަސްކަރީ އޮޕަރޭޝަން މެދުކަނޑާލުމަށް ޔުނައިޓެޑް އަރަބް އިމަރޭޓްސް ޔޫ.އޭ.އީ އިން ނިންމައިފިއެވެ. ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރަށް ވާގިވެރިވުމުގެ ގޮތުން ޔަމަންގައި ހަރަކާތްތެރިވާ އަރަބި އިއްތިހާދުގައި ހިމެނޭ ޔޫއޭއީން ބުނީ، ހުދައިދާގައި ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ވަގުތީގޮތުން ހުއްޓާލީ އދން ކުރިއަށްގެންދާ ސުލްޙައިގެ މަސައްކަތްތަކަށް ފުރުޞަތުދިނުމުގެ ގޮތުންކަމަށެވެ.

ޔޫ.އޭ.އީގެ ޚާރިޖީ ކަންތައްތަކާބެހޭ ދައުލަތުގެ ވަޒީރު އަންވަރު ގަރްގާޝް ވިދާޅުވީ، ހުދައިދާއިން ހޫޘީ ހަނގުރާމަވެރިން ފޭބުމާ ބެހޭގޮތުން އދ. ގެ މަންދޫބު މާޓިން ގްރިފިތްސް އެ ޖަމާއަތާ ވާހަކަ ދައްކަވަމުން ގެންދާވާކަމަށާއި، ޙޫޘީންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން މަޑުޖައްސާލަން ނިންމީ، މަޝްވަރާތަކަށް ވަގުތު ދިނުމުގެ ގޮތުންކަމަށެވެ.

ހޫޘީ ޖަމާއަތުންވަނީ ޔަމަންގެ ހުޅަނގުގައިވާ އެންމެ ބޮޑު ކަނޑުގެ ބަނދަނރު ކަމަށްވާ ޙުދައިދާ ބަނދަރު، އދގެ ބެލުމުގެ ދަށުގައި ބާއްވައިގެން އޮޕަރޭޓްކުރުމަށް އެއްބަސްވެފައެވެ. ހޫޘީން މިކަމަށް އެއްބަސްވީ ހުދައިދާގެ ބަނދަރު ޔަމަންގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ޢަރަބި އިއްތިހާދުން ހިންގާ އަސްކަރީ އޮޕަރޭޝަނާ ގުޅިގެން ހުދައިދާގައި އުފެދިފައިވާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އދން ހުށަހެޅި ސުލްޙައިގެ ޕްލޭނެއްގެ ދަށުންނެވެ. އެ ޕްލޭންގެ ދަށުން ހުދައިދާގެ ބަނދަރުން ފައިބައި، އެ ބަނދަރު އދއާ ހަވާލުކުރުމަށް ޙޫޘީންވަނީ އެއްބަސްވެފައެވެ.

އެހެންނަމަވެސް އަރަބި އިއްތިހާދާއި އެ އިއްތިހާދުން އެހީތެރިވާ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރުންވަނީ ހުދައިދާގެ ބަނދަރުގެ އިތުރުން އެ ސިޓީންވެސް ޝަރުތަކާނުލައި ހޫޘީން ފައިބަންޖެހޭނެކަމަށް ބުނެފައެވެ. މި ގޮތުން ޙޫޘީން ހަމައެކަނި ހުދައިދާގެ ބަނދަރުން ފޭބުމަކުން ނުފުދޭނެކަމަށާއި އެ މީހުން ހުދައިދާގެ ހުރިހާ އަވަށްތަކަކުންވެސް ފައިބަންޖެހޭނެކަމަށް ޢަރަބި ކޯލިޝަނުން ބުނެއެވެ. ހޫޘީން ވަނީ މި ހުށަހެޅުމަށް އިންކާރުކޮށްފައެވެ.

ޔަމަންގެ ހުޅަނގު އުތުރުގައި ރަތްކަނޑުގެ އައްސޭރިފަށުގައި އޮންނަ ހުދައިދާއަކީ އެ ޤައުމުގައި މިޙާރު އެންމެ ބޮޑަށް ހަނގުރާމަ ހިނގަމުންދާ ސިޓީއެވެ. ޔަމަނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި ތެލާއި އެ ނޫންވެސް ދިރިއުޅުމަށް ބޭނުންވާ ތަކެތި އެންމެ ގިނައިން އެތެރެކުރަނީ ހުދައިދާގެ ބަނދަރުންނެވެ.