ޚަބަރު

ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އެމެރިކާއިން ސައުދީއަށް ގޮވާލައިފި


ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އުފެލެމުންދާތީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމު، ސައުދީ ޢަރަބިއްޔާއިން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ ޢަރަބިއްޔާއަށް ގޮވާލައްވައިފިއެވެ.

މިކަމާ ބެހޭގޮތުން ކުރެއްވި ޓްވީޓެއްގައި އެމެރިކާގެ ރައީސް ވިދާޅުވީ، ސައުދީ ޢަރަބިޔާއިން އުފައްދާ ތެލުގެ މިންވަރު އިތުރުކުރުމަށް އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒަށް ގޮވާލައްވާފައިވާކަމަށެވެ. މި ގޮތުން، ދުވާލެއްގެ މައްޗަށް ދެ މިލިއަން ފީފާގެ ތެޔޮ އިތުރަށް އުފެއްދުމަށް ޓްރަމްޕް ގޮވާލެއްވިކަމަށްވެސް މި ޓްވީޓްގައި ބުނެފައިވެއެވެ.

ސައުދީގެ ރަސްގެފާނު ވަނީ މި ކަމަށް އެއްބަސްވެވަޑައިގެންފައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި މިކަން މުހިއްމުވަނީ ތެޔޮ އުފައްދާ ބޮޑެތި ޤައުމުތައްކަމަށްވާ ވެނެޒުއޭލާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ބޮޑުކަމުންކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ހުސްވި ހަފުތާގައި ދުނިޔޭގެ ބާޒާރުގައި ވިއްކާ ސާފު ނުކުރާތެލުގެ އަގު އުފުލިގެން ގޮސްފައިވާއިރު ތަޖުރިބާކާރުން ބުނެފައިވަނީ، ތެލުގެ އަގު އުފުލިގެން ދިޔައީ އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި އެމެރިކާއިން އަނެއްކާވެސް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރާވަމުންދާތީ ކަމަށެވެ.

އަނެއްކޮޅުން، ތެލުގެ އަގު ކޮންޓްރޯލްކުރުމުގެ ގޮތުން، ދުނިޔޭގެ ތެޔޮ އުފައްދާ ޤައުމުތަކުގެ އިއްތިހާދު އޯޕެކުން ދާދި ފަހުން ވަނީ، އެ އިއްތިހާދުގެ ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ނިންމާފައެވެ.