ޚަބަރު

ރާއްޖެއިން ބޭރަށް އޮންލައިންކޮށް ފައިސާ ފޮނުވޭނެ ޚިދުމަތެއް ބީއެމްއެލްއިން ތައާރަފްކޮށްފި


ރާއްޖެއިން ބޭރަށް އޮންލައިންކޮށް ފައިސާ ފޮނުވޭނެ ޚިދުމަތެއް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ތައާރަފްކޮށްފިއެވެ.

އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރގެ ނަމުގައި ތަޢާރަފްކުރި މި ޚިދުމަތަކީ ކަސްޓަމަރުންނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް، ޓެކްނޮލޮޖީއަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ތަޢާރަފްކުރި ޚިދުމަތެއްކަމަށް ބީއެމްއެލް އިން ބުނެއެވެ. މި ޚިދުމަތް މެދުވެރިކޮށް ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން ބޭނުންކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެކަމަށް ބީއެމްއެލްއިން ބުނެެއެވެ.

ބީއެމްއެލްއިން އަލަށް ތަޢާރަފްކުރި "އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ"ގެ ޙިދުމަތް މެދުވެރިކޮށް ދުވާލަކު 3000 ޔޫއެސް ޑޮލަރާ ހަމަޔަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭއިރު، މި ޚިދުމަތުގެ ފީއެއްގެ ގޮތުގައި ނަގާނީ މަދުވެގެން 5 ޔޫއެސް ޑޮލަރު ކަމަށް ބީއެމްއެލްއިން ބުނެއެވެ. މިއީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ އެންމެ ހެޔޮ އަގު ކަމަށާއި އާންމުކޮށް ފައިސާ ފޮނުވާއިރު ޕްރޮސެސްކުރުމަށް ނަގާ ވަގުތަށްވުރެ އަވަހަށް މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ މި ތަޢާރަފުކުރެވުނު ޙިދުމަތާއެކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އާއިލާތަކަށް މީގެ ސަބަބުން ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެކަމަށާއި ވަކިން ޚާއްސަކޮށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެމީހުންގެ އާއިލާތަކަށް ފައިސާ ފޮނުވުމަށްވެސް ފަސޭހަވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"މި ޚިދުމަތް ތަޢާރަފްކުރެވުމުން ވެގެންދާނެ ގޮތަކީ އެމީހަކު ބޭނުންފުޅު ފަސޭހަ ވަގުތެއްގައި ފައިސާ ފޮނުވާލެވޭނެ. މިސާލަކަށް ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ފައިސާ ފޮނުވަންށާއި ބޭރުގައި އުޅޭ އާއިލާތަކަށް ފައިސާ ފޮނުވުމަށާއި އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެބޭފުޅުންގެ ފެމެލީތަކަށް ފައިސާ ފޮނުވުމަށް މި ހުރިހާ ކަމަކަށް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ފަސޭހަތަކެއް ލިބިގެންދާނެ" ޝަރީފް ވިދާޅުވިއެވެ.

މި ޚިދުމަތް މިއަދު ފަށާފައިވާއިރު، މިވަގުތުވެސް 23 ޤައުމަކަށް ފައިސާ ފޮނުވޭނެކަމަށް ބީއެމްއެލްއިން ބުނޭ. މީގެތެރޭގައި ތައުލީމް ހާސިލްކުރުމަށާއި ބޭސްފަރުވާކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ދިވެހިން ދަތުރުކުރާ ގިނަ ޤައުމުތައް ހިމެނެއެވެ.

އިންޓަރނޭޝަނަލް މަނީ ޓްރާންސްފާގެ ޙިދުމަތް ހޯދުމަށް ބީއެމްއެލް މޮބައިލްޕޭ އެޕް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކޭޝް އެޖެންޓަކަށް، ބޭންކް އެކައުންޓަކަށް ނުވަތަ މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭ ގައުމުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް ވޮލެޓަކަށްވެސް ފައިސާ ފޮނުވޭނެކަމަށް ބިއެމްއެލް އިން ބުނެއެވެ.