ޚަބަރު

"ހެލްޕް ގާޒާ" ޓެލެތޯންގައޮ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި





 


ދިވެހި މީޑިއާގެ ފަރާތްތަކުން އިސްނަގައިގެން އަންނަ އޯގަސްޓް މަހުގެ 8ވާ ހުކުރު ދުވަހުގެ މެންދުރު ފަހުން ފެށިގެން 33 ގަޑިއިރަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކާއި ކްލަބް ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ވިޔަފާރި ކުންފުނިތަކަށް ހުޅުވާލައިފިއެވެ.


 
"ހެލްޕް ގާޒާ"ގެ ނަމުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާ ޓެލްތޯންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ، ޒައިނިސްޓް އިޒުރޭލުން ކުރިއަށް ގެންދާލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގައި ނިކަމެތިކަން ލިބިފައިވާ ފަރާތްތަކަށް އެހީގެ އަތެއް ފޯރުކޮށްދިނުމުގެ ފުރުސަތު އެކަމަށް އެދޭ ކޮންމެ ބަޔަކަށް ވެސް ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ކަމަށް މި ޓެލެތޯނު އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. މީގެ އިތުރުންމި ޓެލެތޯނުގައި ބޭނުންކުރާނެ ލޯގޯއެއްވެސް ވަނީ ފަރުމާކޮށްފައެވެ.


 
 


"ހެލްޕް ގާޒާ"ގެ ޓެލެތޯންގެ ޓީވީ ޝޯތަކުގައާއި އަދި ޝޯޝަލް މީޑިއާގެ އިތުރުން، ޓީޝާޓް ފަދަ އެއްޗެއްސާއި، މިނޫންވެސް އެ އިވެންޓް ޕްރޮމޯޓް ކުރުމަށް މި ލޯގޯ ބޭނުންކުރުމަށް ވަނީ ހަމަޖެހިފައިވާކަމަށް ޓެލަތޯންގެ ސްޓިއަރިން ކޮމިޓީއިން މައުލޫމާތު ދެއްވައެވެ. އެފަރާތުން ބުނީ، މި ޓެލްތޯންގައި ވީހާ ވެސް ގިނަ ސިޔާސީ ޕާޓީތަކާއި ކްލަބް ޖަމިއްޔާ ޖަމާއަތްތަކެއްގެ އިތުރަށް ވިޔަފާރި ކުންފުނިތަކުން ވެސް ބައިވެރިވެ، މިއީ ކާމިޔާބު ޓެލެތޯނަކަށް ހައްދަވައި ފަލަސްތީންގައި ދިރިއުޅޭ، ގެދޮރުން މަހްރޫމުވެފައިވާ އަދި ހައިހޫންކަމާއި، ހަނގުރާމާގައި ޒަހަމުވެފައިވާ އަހުންނާއި އުހުތުންނަށް އެހީތެރިވުމަށް ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.އަދި މީޑިއާ އިން މިފަދަ ކަމަކަށް އިސްނެގީ މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ވީހާ ވެސް ގިނަ ބަޔަކަށް އިޒްރޭލުގެ އަނިޔާވެރި ލާ އިންސާނީ އަމަލުތައް އަންގައިދީ އަދި މެދުވެރިއެއްގެ ބައި އަދާ ކުރުމަށް މަސައްކަތް ކުރެވިދާނެ އެއް ފަރާތަކީ މީޑިއާ ކަމަށް ގަބޫލުކުރެވޭތީކަމަށްވެސް އެފަރާތުން ބުނެއެވެ.