ޚަބަރު

ސަރުކާރުގެ ޚަރަދުގައި ފަންސާހަށްވުރެ ގިނަ ދަރިވަރުން ދަނީ މެޑިސިން ކިޔަވަމުން- ހެލްތް މިނިސްޓަރ


ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެދަށުން ސަރުކާރުގެ ލޯނު އެހީގައި މިހާރުވެސް ސަތޭކަަށްވުރެ ގިނަ ދަރިވަރުން މެޑިސިން ކިޔަަވަމުންދާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ނާޒިމް މިހެން ވިދާޅުވީ ނ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުވެސް ފަނސާހަށްވުރެ ގިނަ ދަރިވަރުންނަށް މެޑިސިންގެ އެކި ދާއިރާތަކުން ސްޕެޝަލައިޒްވުމަށް ސްކޮލަރޝިޕް ދީފައިވާކަމަށެވެ.

ހެލްތް މިނިސްޓަރ ވިދާޅުވީ މާލެއެކޭ އެއްފަދައިން އެކި ރަށްރަށުގެ ސިއްޙީ ނިޒާމު ރަނގަޅުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއްކަމަށެވެ. އެގޮތުން މިހާރުވެސް ނ.އަތޮޅު ހޮސްޕިޓަލުން ގިނަ ޚިދުމަތްތަކެއް ދެމުންދާއިރު، މިމަހުގެ ތެރޭގައި އެތެރެހަށީގެ ޑޮކްޓަރެއްގެ ޚިދުމަތްވެސް އެ ހޮސްޕިޓަލުގައި ފަށާނެކަމުގެ ޚަބަރު މިނިސްޓަރ ވަނީ ދެއްވާފައެވެ. އަދި އަންނަ އަހަރު ގިނަ އަތޮޅުތަކެއްގައި ދަތުގެ ފަރުވާ ފެށުމަށް ހަމަޖެހިފައިވާއިރު މީގެތެރޭގައި ނ.އަތޮޅު ހޮސްޕިޓަލް ހިމެނޭކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރަށް މިވީ ހަތަރު އަހަރާއި ބައިގެ މުއްދަތަކީ މީގެ ކުރިން ރާއްޖެގެ ސިއްޙީ ދާއިރާއިން ހޯދާފައި ނުވާ ގިނަ ކުރިއެރުންތަކެއް ހޯދި ހަތަރުއަހަރާއި ބައިކަމަށެވެ. އަދި މިއިން ކޮންމެ ކާބީޔާބީއެއް ޙާސިލްކުރުމުގެ ފަހަތުގައިވެސްވަނީ މި ދާއިރާގައި މަސައްކަތްކުރާ ހީވާގި މުޢައްޒަފުންގެ މިންނެތް މަސައްކަތްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޤައުމެއްގެ ނިސްބަތުން އެންމެ ގިނަ ބޭސް ފިހާރަޔާއި، އެމްބިއުލާންސްވެސް ބޭނުންކުރަމުންދާ ޤައުމަކީ ރާއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ބޭނުންވާވަރަށް ދިވެހި ޑޮކްޓަރުންނާއި ނަރުހުން ނެތުމަކީ ސިއްޙީ ދާއިރާއަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށްފައެވެ. އެގޮތުން މިހާރުވެސް 49 އިންސައްތަ ނަރުހުންނާއި، 80 އިންސައްތަ ޑޮކްޓަރުންނަކީ ބިދޭސީންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ނ.މަނަދޫގައި ހުންނަ ނ.އަތޮޅު ހޮސްޕިޓަލުން މިހާރުވެސް ގެންދަނީ ޑައިލަސިސްއާއި، ތައިރޮއިޑް ޓެސްޓް ހެދުމާއި، ތެލަސީމިއާއަށް ސްކްރީން ކުރުމުގެ ޚިދުމަތްވެސް ދެމުންނެވެ. ކުރިއަށް އޮތްތާންގައި އިތުރު ޑޮކްޓަރުންނާއެކު ހޮސްޕިޓަލުގެ ޖާގަވެސް އިތުރު ކުރުމަށް ނިންމާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ނ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ، އެ ހޮސްޕިޓަލަށް ދިގުމުއްދަތައް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުންވެސް ދީފައެވެ.