ވިޔަފާރި

ފަރުކޮޅުގައި ހެދުމަށް ހަމަޖެހިފައިވާ އެއަރޕޯޓް ނަހަދާ ގޮތަށް ނިންމަވައިފި





 


މިލަދުންމަޑުލު އުތުރުބުރީ ފަރުކޮޅުގައި ހެދުމަށް ހަމަޖެހިފައިވާ އެއަރޕޯޓް އެރަށުގައި ނަހަދާ ގޮތަށް ސަރުކާރުން ނިންމަވާ، އެކަން އެޕްރޮޖެކްޓްގެ ކޮންޓްރެކްޓަރ، އަރާމް ޓްރެވެލްސަށް އަންގަވައިފިއެވެ.


 
ފަރުކޮޅަކީ ތިމާވެށީގެ ގޮތުން ނާޒުކު ރަށަކަށްވުމުން އެ ރަށުގައި އެއަރޕޯޓް ތަރައްގީކުރަން ހުއްދަ ދެވެން ނެތް ކަމަށް ޓްރާންސްޕޯޓް ޔުނިޓް ހިންގަވަމުންދާ ޓޫރިޒަމް މިނިސްޓްރީން އަންގަވާފައިވަނީ އީދު ބަންދުގެ ކުރިން ކަމަށް މައުލޫމާތު ލިބެއެވެ. އަރާމް ޓްރެވެލްސުން ބުނީ ޕްރޮޖެކްޓް ދެން ކުރިއަށް ގެންދާނެ ގޮތަކާ މެދު އެ ކުންފުނިން ސަރުކާރުގެ ލަފައަކަށް އެދިފައިވާނެ ކަމަށާއި، އީދު ބަންދު ނިމުމުން އެކަމުގެ ރަސްމީ ޖަވާބެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ޕްރޮޖެކްޓްގެ ކުރެހުންތަކާ ،


އީ އައި އޭގެ މަސައްކަތްތަކާ ، އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައްވެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.


 
ށ.އަތޮޅުގެ ވެރިކަން ކުރާ ރަށް ފުނަދޫއާ އެއް ފަޅެއްގެތެރޭގައި އޮންނަ ފަރުކޮޅަކީ ގުދުރަތީ ޚާއްސަ ސިފަތަކެއް ލިބިގެންވާ ހިމާޔަތް ކުރަންޖެހޭ ސަރަހައްދެއް ކަމަށް ނިންމަވާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީންވެސް މީގެ ކުރިން އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދިއުމަށް އަންގަވާފައިވެއެވެ. އަދި ފަޅުން ބައެއް ހިއްކައިގެން ރަށުގެ ތިމާވެއްޓަށް ގެއްލުން ނުވާގޮތަށް އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް އެ އެޖެންސީން ވަނީ ޓްރާންސްޕޯޓާބެހޭ އިދާރާއަށާ ، އަރާމް ޓްރެވަލްސަށް ލަފާ އަރުވާފައެވެ.


 
 


އަރާމް ޓްރެވަލްސުން ބުނީ އެންވަޔަރމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން ފަޅުން ބައެއް ހިއްކައިގެން އެއަރޕޯޓް ހެދުމަށްވެސް އީ އައި އޭ ހަދާފައިވާ ކަމަށާއި، ޕްރޮޖެކްޓް ހުއްޓާލުމަށް ސަރުކާރުން އަންގަވާފައިވާއިރު، ފުނަދޫގައި އެ ކުންފުނީގެ ސައިޓް ގާއިމްކޮށް، ގިނަ ޚަރަދުތަކެއް ޕްރޮޖެކްޓަށް ކޮށްފައިވާ ކަމަށެވެ.