ކުޅިވަރު

ދަނޑު ބޭރުން މިފަހަރުގެ ވަރލްޑްކަޕް އޭޝިޔާއަށް!


ވަރލްޑްކަޕަކީ ދަނޑުމަތިން އޭޝިޔާއާއި މާ ރައްޓެހި މުބާރާތެއް ނޫނެވެ. ޚާއްސަކޮށް ވަރލްޑްކަޕްގެ ތަށްޓަކީ އޭޝިޔާއަށް އަދި މިހާތަނަށް އައިއިރު ކުލަ ފަނޑު ހުވަފެނެކެވެ. މުބާރާތަށް ކޮލިފައިވުމާއި ކާމިޔާބުކުރުން އެއްފަރާތެއްގައި ބާއްވާ، ފުޓުބޯޅައިގެ ހުނަރަށް ބެލިޔަސް ދާދިފަހަކާ ޖެހެންދެން އޭޝިޔާ އޮތީ ކިރިޔާ އަތްފޯރާ ފަށުގައެވެ.

ހަތަރު އަހަރުން އެއް އަހަރު ބާއްވާ ވަރލްޑްކަޕް މުބާރާތަކީ ގިނައަދަދެއްގެ ސްޕޮންސަރުންނަށް އެމީހުންގެ ކުންފުނިތައް އިޝްތިހާރު ކުރަންލިބޭ އެންމެ ބޮޑު ފުރުސަތެވެ. އެހެންކަމުން މުބާރާތް ވެގެންދަނީ އިޤްތިސާދީ ނަޒަރަކުން ބަލާއިރު ވަރަށް ނުފޫޒުގަދަ މުބާރާތަކަށެވެ.

1986 ވަނައަހަރުގެ ވަރލްޑްކަޕް ސްޕޮންސަރ ކުރީ ދުނިޔޭގެ ތަށްޓާ އެންމެ ރައްޓެހި، ޔޫރަޕްގެ ހަތަރު ކުންފުންޏަކުންނާއި، ދެކުނު އެމެރިކާގެ ހަތަރު ކުންފުންޏަކުންނާއި އޭޝިޔާގެ ހަތަރު ކުންފުންޏަކުންނެވެ، ނަމަވެސް 1990 ވަނައަހަރުގެ ވަރލްޑްކަޕާ ކުރިމަތިލިއިރު ދެކުނު އެމެރިކާގެ ސްޕޮންސަރުންގެ އަދަދު ކުއްލިއަކަށް އިތުރުވިއެވެ. ނަމަވެސް މިކަން ދެމިއޮތީ ހަމައެކަނި އެއް ވަރލްޑްކަޕަށެވެ. ހަމައެއާއެކު ޔޫރަޕްގެ ޤައުމުތަކުން މުބާރާތް ކާމިޔާބު ކުރަމުން ދިޔަ ނަމަވެސް، މުބާރާތަކަށްފަހު މުބާރާތެއްގައި ޔޫރަޕްގެ ކުންފުނިތަކުން ދިޔައީ ވަރލްޑްކަޕާ ދުރަށެވެ. މިކަމުގެ ހެއްކަކީ 2018 ވަނަ އަހަރާ ޖެހުނުއިރު މުބާރާތުގައި ޔޫރަޕުން ހިމެނިފައިވަނީ އެންމެ ކުންފުންޏަކަށްވުމެވެ.

ޔޫރަޕްގެ ކުންފުނިތަކުން ވަރލްޑްކަޕާ ދުރުވަމުން ދިޔަ ވަރަކަށް ފުރުސަތުގެ ބޭނުން ހިފައި އޭގެ އެންމެ ބޮޑު ފައިދާއެއް ނެގީ އޭޝިޔާއެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރުގެ ވަރލްޑްކަޕްގައި އެންމެ ބޮޑު 12 ޕާޓްނަރުންގެ ތެރެއިން 7 ޕާޓްނަރުންނަކީ އޭޝިޔާގެ ކުންފުނިތަކެވެ. އެގޮތުން ވަރލްޑްކަޕްގެ 60 އިންސައްތަ ޕާޓްނަރުންނަކީ އޭޝިޔާގެ ޕާޓްނަރުންނެވެ. ހާއްސަކޮށް ޗައިނާއިން ވަނީ މީގެކުރިން އޭޝިޔާގެ އެންމެ ބޮޑު ސްޕޮންސަރ ޖަޕާން ފަހަތަށް ޖައްސާލައި މިފަހަރުގެ ވަރލްޑްކަޕްގައި އޭޝިޔާގެ އެންމެ ބޮޑު ސްޕޮންސަރގެ މަޤާމަށް ޖެހިލާފައެވެ.

ވަރލްޑްކަޕަށް ކޮލިފައިވެސް ނުވާ ޗައިނާއަށް ދަނޑުމަތީގައި ޔޫރަޕާ އަރާ ހަމަނުކުރެވުނަސް ދަނޑު ބޭރުން އެޓީމް އަންނަނީ ޔޫރަޕްގެ ކުންފުނިތަކަށްވުރެ ކުރި ހޯދަމުންނެވެ. ޗައިނާއިންވަނީ ފުޓުބޯޅައިގެ މައި ހަބް ކަމުގައިވާ ޔޫރަޕްގެ އިތުރުން، ދެކުނު އެމެރިކާވެސް ފަހަތަށް ޖައްސާލާފައެވެ. ޗައިނާގެ ކުޅުންތެރިން ދަނޑުމަތިން ނުފެނުނަސް އެގައުމުން ޗައިނީޒް ބިލްބޯޑްތަކުން ދަނޑުބޭރު ފަޅުފިލުވާލާފައެވެ.

2018ގެ ވޯލްޑްކަޕަކީ ޗައިނާ ވަރލްޑްކަޕްގެ ސްޕޮންސަރޝިޕްގައި ބައިވެރިވާ ދެވަނަ އަހަރެވެ. 2014ގެ ކުރިން ޗައިނާއަކީ ވަރލްޑްކަޕްގެ ސްޕޮންސަރ ހަރަކާތްތަކުގައި އެއްވެސް ވަރަކަށް ބައިވެރިވި ޤައުމެއް ނޫނެވެ. ޗައިނާއިން މިފަހަރުގެ ވަރލްޑްކަޕަށް 800 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، މިފަދަ ބޮޑު ހޭދައެއް ކުރުމުގެ ހަމައެކަނި ބޭނުމަކީ ކުންފުނިތައް އިޝްތިހާރު ކުރުމެއް ނޫނެވެ. ޗައިނާއިން ބުނާގޮތުން މި ހޭދައިގެ އެންމެ ބޮޑު ސިއްރަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް ފުޓުބޯޅައަށް ހުންނަވާ ޝައުގުވެރިކަމާއި ލޯތްބެވެ.

ޗައިނާގެ މިހާރުގެ ރައީސަށް ވަރލްޑްކަޕާއި ގުޅިފައިވަނީ ތިން ހުވަފެންފުޅެވެ. އެއީ ޗައިނާއިން ވަރލްޑްކަޕްގައި ކުޅުމާއި، މުބާރާތް ބޭއްވުމުގެ އިތުރުން ވޯލްޑްކަޕް ކާމިޔާބުކުރުމެވެ. މިކަމާގުޅިގެން، މީގެ ކުރިން އޭޝިޔާއިން ވަރލްޑްކަޕް ބޭއްވި ހަމައެކަނި ޤައުމުތައް ކަމަށްވާ ސައުތް ކޮރެއާ އަދި ޖަޕާނުން، 2030 ގައި ޗައިނާއާއި ގުޅިގެން ވަރލްޑްކަޕް ބާއްވަން އުޅޭކަމުގެ ޚަބަރުތައްވެސް މިހާރުވަނީ ފެންމަތިވާން ފަށާފައެވެ. މިބޮޑު ހޭދައިގެ ސިއްރަކީ ޝީ ޖިންޕިންގެ ހުވަފެންފުޅު ހަޤީގަތަކަށް ހެދުންކަމަށް ޤަބޫލުކުރެވެއެވެ.

މިފަހަރުގެ މުބާރާތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ 2006ވަނަ އަހަރުގެ ކުރިން އޭޝިޔާގެ އެންމެ ބޮޑު ސްޕޮންސަރ ޖަޕާނުގެ އެއްވެސް ސްޕޮންސަރެއް މިފަހަރުގެ ވަރލްޑްކަޕްގައި ނެތުމެވެ. ހަމައެއާއެކު ޗައިނާއިން އެކަނި މުޅި އޭޝިޔާގެ އިޤްތިސާދު ނަގަހަށްޓާ ވަރުގެ އިންޤިލާބީ ބަދަލަކާ ހަމައަށް ވާސިލްވުމަށް ކުރާ މިންނެތް މަސައްކަތެވެ.

ކަންމިހެންއޮތުމާއެކު އިޤްތިސާދީ މާހިރުންދެކޭ ގޮތުގައި އިގްތިސާދީ ބާރުގެ ގޮތުން ބަލާއިރު އޭޝިޔާއަށް ލިބިފައވާ ކުއްލި ކުރިއެރުމުގެ ނަތީޖާއަކީ ވަރލްޑްކަޕްގެ ސްޕޮނަސަރޝިޕެވެ. އަދި މިހާރުގެ ރޭޓުން ކުރިއަށްދާނަމަ، 2010 ވަނަ އަހަރާ އަޅާބަލާއިރު، 2050 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ ދެބައިކުޅަ އެއްބައި އިގްތިސާދީ ބާރުގެ މިލްކުވެރިކަން އޭޝިޔާއަށް ލިބޭނެ ކަމަށްވެސް ތަފާސް ހިސާބު އިލްމުވެރިން ދެކެއެވެ. މިއީ ޔޫރަޕް އަދި ދެކުނު އެމެރިކާއާއި އެއްކޮށްލުމުން ލިބޭ ބާރަށް ވުރެވެސް ބޮޑު ބާރެކެވެ.

ފުޓުބޯޅައިގެ ކާމިޔާބަށް ބަލާއިރު މިހާތަނަށް އޭޝިޔާއަށް މާބޮޑު ކާމިޔާބީ ތަކެއް ހޯދިފައިނުވިނަމަވެސް، އޭޝިޔާގެ ފުޓުބޯޅަ ދުވަހެއް ދުވަހަކަށް ދަނީ ކުރިއަށެވެ. މިގޮތުން މިފަހަރުގެ ވަރލްޑްކަޕްގެ ގްރޫޕް ސްޓޭޖްގައި ދިފާއީ ޗެމްޕިއަން ޖަރުމަނު ކަޓުވާލި ޓީމަކީ ސައުތްކޮރެއާއެވެ. އަދި ޖަޕާނުން ކޮލަމްބިޔާ ބަލިކޮށް ސެނެގާލް އަތުން ޕޮއިންޓެއް ހޯދައި ދެވަނަ ބުރުން ޖާގަ ހޯދުމަކީ އޭޝިޔާގެ ފުޓުބޯޅައަށް ލިބުނު އިތުރު ކުރިއެރުމެކެވެ. އަދި ޗައިނާއިން އެޤައުމުގެ ފުޓުބޯޅަ ކުރިއެރުވުމަށް ކުރަމުންދާ ހޭދައާއި ފުޓުބޯޅަ ކުޅުންތެރިން ބިނާކުރުމަށް ކުރަމުންދާ ހޭދައަކީ ސަމާސާއެއް ނޫނެވެ.

ކަންމިހެންއޮތުމާއެކު އޭޝިޔާއިން ދަނޑު ބޭރުން ދައްކާ ހިތްވަރާއި ފޯރި ދަނޑު މަތިންފެނި، އޭޝިޔާއިން ރަންތަށި ނެގުމުގެ ހުވަފެނުގައި ކުލަޖެހި، 21ވަނަ ޤަރުނަކީ ފުޓުބޯޅައިގެ ދާއިރާއިންވެސް އޭޝިޔާގެ ޤަރުނަކަށްވުން ވަރަށްގާތެވެ.