ޚަބަރު

މަސްދޯނި ފަހަރުގައި ޖަމާއަތުގައި ނަމާދުކުރުން ހިތްގައިމު މަންޒަރެއް


ރާއްޖޭގެ މަސްދޯނި ފަހަރާއި މާލެ ދަތުރުކުރާ އުޅަނދު ފަހަރާއި މަސްދޯނި ފަހަރު ފަދަ އުޅަނދުފަހަރުގައި ގަޑިންގަޑިއަށް ޖަމާޢަތުގައި ނަމާދުކުރުމަށް ދޭ ސަމާލުކަން އިތުރުވުން އަންނަކަން ފާހަގަކުރެއެވެ. ބައެއް މަސްދޯނި ފަހަރުގައި ކޮންމެ ސަރަޙައްދެއްގައި ތިބިނަމަވެސް ވަގުތުން ވަގުތަށް ބަންގިގޮވައި ޖަމާޢަތުގައި ނަމާދުކުރާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

ދިވެހިރާއްޖޭގައި ފަހަކަށް އައިސް ދިނީ ހޭލުންތެރިކަން އަންނަނީ އިތުރުވަމުންނެވެ. މިސްކިތްތަކުގެ ޖަމާޢަތްތަކުން މިކަން ފާހަގަކުރެވެއެވެ. ޕިކްނިކް ދިޔަޔަސް އަދި ވަކި ސަރަޙައްދެއްގައި މަސައްކަތުގައި އުޅުނަސް ކަނޑުދަތުރެއްގައި އުޅުނަސް ނަމާދުކުރަން ފަރުވާތެރިވާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. މިކަމުގައި ޒުވާނުންގެ ޙަރަކާތްތެރިކަންވެސް ފާހަގަކުރެވެއެވެ. މީހުންނާއި މުދާ އުފުލަން ހަދާފައި ހުންނަ ބައެއް އުޅަނދުފަހަރުގައި ނަމާދުކުރަން ޚާއްޞަ ތަންކޮޅެއް ނުވަތަ ރޫމެއް ހުރެއެވެ.

ނަމާދުކުރަން ވަކި ބައެއް ޚާއްޞަ ނުކުރިޔަށް މަސްދޯނިފަހަރުގައި ނަމާދުކުރުމަށް ދޭ ސަމާލުކަން ވަރަށް ބޮޑެވެ. ބޮޑެތި މަސްދޯނިފަހަރުގައި ވިހި ތިރީސް މީހުން މަހަށްދެއެވެ. ބައެއް ދޯނިފަހަރުގައި ނަމާދުވަގުތު ޖެހުމާއެކު ބަންގިގޮވައެވެ.
އަދި ސުންނަތްކޮށް، ދޯނީގެ އެންމެ އެއް ޖަމާޢަތެއްގައި ނަމާދުކުރެއެވެ. ދުއްވާފައިދާ ވަގުތެއްނަމަ ދޯނި ދުއްވަން ހުންނަ މީހާ ނޫން ހުރިހާ އެންމެ ޖަމާޢަތުގައި ނަމާދުކޮށް ނިމުމުން އޭނާއަށް ނަމާދުކުރުމަށް ފުރުޞަތުދޭން އަވަސްވެގަނެއެވެ.

މަސްއައިނުގައި މަސްބާނާ ވަގުތާ ނަމާދު ވަގުތުޖެހޭ ގަޑިއާ ދިމާވެއްޖެނަމަ، އެކަން ނިންމާފައި ދޯނިން ބައެއް ސާފުކޮށް އެއް ޖަމާޢަތެއްގައި ނަމާދުކުރަން އިސްކަން ދެއެވެ. މަސްދޯނި ފަހަރަކީ ދިރިއުޅޭ ގެއެއްފަދަ ތަނަކަށްވުމާއެކު މަސައްކަތުގެ ބާވަތުން ބައެއް ގަޑިތަކުގައި އުޅަނދުގެ ބޮޑުބައެއް ހަޑިވިޔަސް، އެންދަމާ ނިމާއެކު އަދި މަސްބާނާ ނިމުމާއެކު ނުވަތަ މަސްކިރާ ނިމުމާއެކު އުޅަނދު ސާފުކޮށް، ސާފުތާހިރުކަން ދަމަހައްޓަން މަސައްކަތްކުރެއެވެ. އެހެންކަމުން ދޯންޏަކީ ނަމާދުކުރަން ސާފުތާހިރު ޖާގަލިބޭ އެއްޗެކެވެ.

ދިވެހިންގެ އެތައް ބަޔަކު މިހާރު ރީތިކޮށް ޤުރުއާން ކިޔަވަން ދަނެއެވެ. ދީނީ ވާޖިބުތައް އަދާކުރަން އެންމެންނަށްހެން އެނގެއެވެ. އެހެންކަމުން ކޮންމެ ދޯންޏަކުންވެސް ރީތިކޮށް ބަންގޮގޮވައި، އިމާމުގެ ރީތިކޮށް ކިޔަވައިގެން ނަމާދުކުރާނެ އިމާމުން ލިބެއެވެ.

މިފަދަ ރީތި މަތިވެރި މިސާލުތައް މިފަދަ ބުރަ މަސައްކަތުގެ މާޙައުލުން ފެނުމަކީ ދިވެހިންނަށް ވީތީ ފަޚުރުވެރިވެވޭފަދަ ކަންކަމެވެ.