ޚަބަރު

ޑރ. މަރިޔަމް ޝަކީލާއަށް ރުހުން ދޭން ޕީޕީއެމްގެ ބައެއް މެމްބަރުން ދެކޮޅު





 


ހެލްތް މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާއަށް ރުހުން ދިނުމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވާކަމަށް ޕީޕީއެމުން ބުނެފިއެވެ.


 
ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ޑރ. ޝަކީލާއަށް ރުހުން ދިނުމަށް ބައެއް މެމްބަރުންގެ މެދުގައި ހިތްހަމަ ނުޖެހުން އުޅޭކަމަށާއި، މިނިސްޓަރަށް ރުހުން ދިނުމަށް އެމެމްބަރުން ދެކޮޅުހައްދަވާކަމަށެވެ. އެއީ ސިއްޙީ ދާއިރާ ރަނގަޅުކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރައްވާތަން ނުފެންނާތީކަމަށް މެމްބަރުން ފާހަގަކުރައްވާކަމަށް ރިޔާޒް ވިދާޅުވިއެވެ.


 
ނަމަވެސް ޕާލިމެންޓްރީ ގްރޫޕުން މިނިސްޓަރަށް ރުހުން ދިނުމާމެދު ރަސްމީކޮށް ވަކިގޮތެއް ނިންމާފައި ނުވާކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.


 
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުޢާޒް ޢަލީ ވިދާޅުވީ ސަރުކާރުން ރުހުން ހޯއްދަވަން މަޖިލީހަށް ފޮނުއްވާ ނަންފުޅަކާމެދު ގޮތެއް ނިންމަވާނީ ސަރުކާރު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުންކަމަށެވެ.


 
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ މިމަހުގެ އެއްވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރގެ ނަން މިނިސްޓްރީ އޮފް ހެލްތްގެ ނަމަށް ބަދަލުކުރައްވާ ހެލްތް މިނިސްޓަރގެ މަގާމަށް ޑރ. މަރިޔަމް ޝަކީލާ އައްޔަންކުރައްވާފައެވެ.


 
 


ޑރ.ޝަކީލާ އަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ފޮނުއްވީ މިމަހުގެ ހަވަނަ ދުވަހުއެވެ. އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގައި މިމައްސަލަ ދިރާސާކުރުމަށްފަހު ޝަކީލާ އަށް ރުހުންދޭން މުގައްރިރުގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ.