ކުޅިވަރު

އައްޑޫ މެރަތަން މައިކަލް ވޯޑިއަން ކާމިޔާބުކޮށްފި


އައްޑޫ މެރަތަން މައިކަލް ވޯޑިއަން ކާމިޔާބު ކޮށްފިއެވެ. އެމެރިކާގެ މަޝްހޫރު މެރަތަނާ އަދި އައްޑޫ މެރަތަންގެ ބްރޭންޑް އެމްބަސިޑާރ މައިކަލް ވޯޑިއަން އައްޑޫ މެރެތަން ކަމިޔާބުކުރީ 2 ގަޑި އިރާ 42 މިނަޓުން ނިންމައިގެންނެވެ.

ރޭ ފަތިހު 2:30 ގައި ފެށި އައްޑޫ މެރަތަންގައި 10 ކިލޯ މީޓަރާއި 5 ކިލޯ މީޓަރުގެ ބައިވެސް ކުރިއަށްދިޔައެވެ.

މެރެތަން ނިންމާލުމަށްފަހު މައިކަލް ވޯޑިއަން ބުނީ މި ރޭހަކީ ވަރަށް ހިތްހަމަޖެހޭ އުނދަގޫ ރޭހެއްކަމަށާއި، މި މެރެތަންގައި ބައިވެރިވުމަށް ފުރުސަތެއް ދިނީތީ އެކަމަށް ޝުކުރުވެރިވާކަމެވެ. އަދި އައްޑޫން އޭނާއަށް ލިބުނީ ވަރަށް ފުރިހަމަ މެހެމާންދާރީއެއްކަމަށާއި މި މެރެތަންގައި ދުވުމަށް ލިބުނު ފުރުސަތުން އައްޑޫގެ ރީތިކަންވެސް ފެނުނުކަމަށް އޭނާ ބުންޏެވެ.

މައިކަލް ވޯޑިއަންއާއެކު މެރަތަންގައި ބައިވެރިވެ އަންހެން ދުވުންތެރިންގެ ތެރެއިން އެއްވަނަ ހޯދީ މަރިޔަމް އަބްދުލް ކަރީމް (މަރީ)އެވެ. އެއީ 3 ގަޑި އިރާ 38 މިނަޓުން މެރަތަން ނިންމައިގެންނެވެ.

އައްޑޫ މެރަތަނަށް އެ ސީޓީގެ ގިނަބައެއްގެ ވަރަށް ތަރުޙީބެއް ލިބުނެވެ.

އައްޑޫ މެރަތަންގެ މީޑިއާ އޮފިޝަލް އަހުމަދު ޒަހީން ބުނީ އައްޑޫ މެރަތަންގެ މަސައްކަތްފެށީ މީގެ 6 މަސް ކުރިންކަމަށާއި، މިއަދު މި ރޭސް ނިންމާލީ ގިނަ ކާމިޔާބީތަކަކާއިއެކުގައިކަމަށެވެ. އަދި އަހަރަކަށް ވުރެ އަހަރެއް މި މެރެތަންގެ ފެންވަރު ރަނގަޅުކުރުމަކީ އަމާޒުކަމަށާއި، އަންނަ އަހަރުވެސް މި މެރެތަނަށް ވަރަށް ބޮޑަށް ތައްޔާރުވާނެކަމަށްވެސް ޒަހީންް ބުންޏެވެ.

"މިދިޔަ އަހަރު ތަންކޮޅެއް އާދައިގެ ގޮތަކަށް ފެށިގެން އައީ އެހެން ނަމަވެސް މިއަހަރު ވަަރަށް ވަރުގަދަ އިވެންޓެއް ގޮތައް މިދިޔައީީ އެހެންވީމަ އަޅުގަނޑުމެން އުއްމީދު ކުރަނީ މިއަންނަ އަހަރު އަދި ހަމަ މި އަށްވުރެން ބޮޑު އިވެންޓެއް ގޮތައް ރާއްޖޭން ބޭރުންވެސް ގިން ދުވުންތެރިން ގެނެސްގެން އިންޓަނޭޝަނަލް މެރަތަން އެއްގޮތުގަ ކުރިއަށް ގެންދެވޭނެ ކަމަށް ހަމަ މިއަހަރެކޭ އެއްގޮތައް. މިއަހަރުގެ މެރަތަންގަވެސް ހަަމަ މިހާތަނަށް ރާއްޖެއަށް ގެނެވުނު އެންމެ ވަރުގަދަ އެއް އެތްލީޓް އަޅުގަނޑުމެން މިގެނައީ މައިކަލް ވޯޑިއަން، ގެންސްގެން އަޅުގަނޑުމެން ރާއްޖޭގަ މިހާތަނަށް ރިކޯރޑުކުރެވުނު މެރަތަންއެއް ނިންމުނު އެންމެ އަވަސް އެއް ރިކޯރޑް މިއޮތީ މިއަދު މުގުރާލެވިފަ. މީ އަޅުގަނޑު ގަބޫލް ކުރާގޮތުގަ ވަރަށް ބޮޑު އެޗީވްމެންޓެއް."

އައްޑޫ މެރަތަން ކާމިޔާބުކަމާއެކު ނިންމާލުމަށް ސްޕޮނސަރުންނާއި ޕާރޓްނަރުން ދެއްވި ފުރިހަމަ އެހީތެރިކަމަށް ޒަހީންވަނީ ޝުކުރުއަދާކޮށްފައެވެ.