ކުޅިވަރު

ސްރީލަންކާ އަތުން ބަލިވެ ރާއްޖެއަށް ރަން މެޑަލް ހޯދުމުގެ ފުރުސަތު ގެއްލިއްޖެ


ސާބާ ޗެމްޕިއަންޝިޕްގައި ސްރީލަންކާ އަތުން ރާއްޖެ ބަލިވެ ރަން މެޑަލް ލިބުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައިވާ ދިވެހިރާއްޖެއާއި ލަންކާ ވާދަކުރި މެޗު ސްރީލަންކާއިން ކާމިޔާބުކުރީ 82 ޕޮއިންޓް 57 ޕޮއިންޓުންނެވެ.

މެޗުގެ ފުރަތަމަ ކުއާޓާރއިން ފެށިގެން ލީޑްގައި އޮވެ ކުޅެމުން ދިޔައީ ސްރީލަންކާއިންނެވެ. މެޗުގައި ރާއްޖޭގެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މުހިންމު ކުޅުންތެރިން އަނިޔާގައި ތިބުންނެވެ. މިގޮތުން އިބްރާހިމް ރަޝްވާން ހުރީ އަނިޔާގައެވެ. އަދި މެޗުގެ ދެވަނަ ކުއާޓާރގައި އަހުމަދު ޒަބީރަށްވެސް އަނިޔާވެ މެޗުގައި ކުޅެވޭ ގޮތެއް ނުވިއެވެ. މީގެ އިތުރުން ޓީމްގެ އިތުރު މުހިންމު ކުޅުންތެރިންވެސް ފިޓެއް ނޫނެވެ.

މި ނަތީޖާއާއިއެކު ސްރީލަންކާއިންވަނީ ރަން މެޑަލްގެ ފުރުސަތު ބޮޑުކޮށްފައެވެ. އެޓީމަށް ބާކީ އޮތީ ބޫޓާނާއި ވާދަކުރާ މެޗެވެ.

މުބާރާތުގައި ދިވެހިރާއްޖެވަނީ ފުރަތަމަ މެޗުގައި ނޭޕާލް ބަލިކޮށްފައެވެ. އަދި ދެވަނަ މެޗުގައި ބޫޓާންގެ މައްޗަށްވެސް ރާއްޖެއިންވަނީ ކުރި ހޯދާފައެވެ.

ފަހު މެޗުގައި ރާއްޖެ ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކޮށްގެން ރާއްޖެއަށް މުބާރާތުގެ ރިހި މެޑަލް ހޯދޭނެއެވެ. އަދި ދެވަނައާއިއެކު އަންނަ ސެޕްޓެމްބަރު މަހު އޮންނަ ފީބާ އޭޝިޔާކަޕްގެ ޕްރީ ކޮލިފައިން ބުރުން ޖާގަ ހޯދޭނެއެވެ.