ދުނިޔެ

އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންގެ މުއްދަތު އިތުރުކުރަނީ





 


ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލުން މިހާރު ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް އިސްރާއީލުގެ ހައްދުފަހަނާ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.


 
ޓީވީ މެދުވެރިކުރައްވާ ދެއްވި ޚިތާބެއްގައި އިސްރާއީލުގެ ބޮޑު ވަޒީރު ވިދާޅުވީ، އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުންދާ ހަމަލާތައް ހުއްޓާލާނީ ޣައްޒާގައި ތިބި އަސްކަރީ ޖަމާޢަތްތަކާ ހަތިޔާރު ނައްތާލެވުމުންކަމަށެވެ. އަދި މި އޮޕަރޭޝަންގެ ދަށުން އިސްރާއީލުގެ ތެރެއަށް ވަދެވޭ ގޮތަށް ހަމާސްއިން ޣައްޒާގައި ހަދާފައިވާ ބިންގަރާސްތައް ހޯދާ ހަލާކުކޮށްލާނެ ކަމަށް ވެސް ނަތަންޔާހޫވިދާޅުވިއެވެ.


 
 


ޖުލައި 8 ވަނަ ދުވަހު ފެށި މި އުދުވާނުގައި ރެއަކީ އިސްރާއީލުން ޣައްޒާއަށް އެންމެ ގިނަ ހަމަލާތައް ދިން ރޭ ކަމަށް ފަލަސްޠީނުގެ މަސްއޫލުވެރިން ވިދާޅުވެއެވެ. މިގޮތުން އިސްރާއީލުން ރޭގައި އެކަނި ޣައްޒާއަށް 60 ވައިގެ ހަމަލާ ދީފައިވާ އިރު މި ހަމަލާތަކުގައި ޣައްޒާގެ 30 މީހުން ވަނީ ޝަހީދުވެފައެވެ.