ދުނިޔެ

ހަމަލާ ބަދަލުކުރުންތައް ފެށުނީ ހަމާސްގެ ސަބަބަކުންނެއް ނޫން- ޚާލިދް މިޝާލް





 


އިސްރާއީލާ ހަމާސް ޖަމާޢަތާ ދެމެދު މިހާރު ބަދަލުކުރަމުންދާ ހަމަލާތައް ފެށުނީ ހަމާސްގެ ސަބަބުން ނޫން ކަމަށް އެޖަމާޢަތުގެ ލީޑަރު ޚާލިދް މިޝާލް ވިދާޅުވެއްޖެއެވެ.


 
އެމެރިކާގެ ޕީ.ބީ.އެސް އަށް ދެއްވި ބަސްދީގަތުމެއްގައި ހަމާސްގެ ލީޑަރު ޚާލިދް މިޝެލް ވިދާޅުވީ، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސްލަކީ މިދިޔަ މަހު ހުޅަނގު އައްސޭރީގައި ވަގަށް ނަގާ މަރާލި އިސްރާއީލުގެ ތިން ކުދިންގެ މަރުގެ ތުހުމަތު އިސްރާއީލުން ހަމާސްގެ ބޮލުގައި އެޅުވުން ކަމަށެވެ. އަދި މިކަމަށް އެއްވެސް ހެއްކެއް ނެތް އިރު އިސްރާއީލުން ހަމާސްގެ އެތައް ބަޔަކު ހައްޔަރުކޮށް ޣައްޒާއާ ދެކޮޅަށް އަނިޔާވެރި އުދުވާނެއް ފެށި ކަމަށް މިޝާލް ވިދާޅުވިއެވެ.


 
މިޝާލް ވިދާޅުވީ މިއަދާ ހަމައަށް ވެސް މި ތިން ކުދިން މަރާލާފައިވަނީ ކޮންބައެއް ކަން ހޯދިފައި ނުވާ ކަމަށާ މިކަމުގައި ހަމާސްގެ އަތެއް ނުވާ ކަމަށެވެ.


 
 


މި ހަމަލާއަށް ފަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި އަސްކަރީ ހަމަލާތަކުގައި މިހާތަނަށް އެއް ހާހަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާ އިރު، ޣައްޒާގެ ގިނަ ސަރަހައްދުތައް ވަނީ މުޅިން ސުންނާފަތިވެފައެވެ.