ޚަބަރު

އޯޕަން ވޯޓަރ ސްވިމިންގ ޑެސްޓިނޭޝަނެއްގެގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ބޭނުންވާ އެކްސްޕާރޓުން ތަމްރީނުކުރަން ފަށައިިފި


އޯޕަން ވޯޓަރ ސްވިމިންގ ޑެސްޓިނޭޝަނެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓް ކުރުމަށް ބޭނުންވާ މީޑިއާ އެކްސްޕާރޓުން ތަމްރީނު ކުރުމަށް ހިންގާ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ، އޯޕަންވޯޓަރ ސްވިމިންގ ޑެސްޓިނޭޝަނެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކޮށް ކުރިއެރުވުމަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފަށާފައިވާ މަޝްރޫޢަށް ބޭނުންވާ މީޑިއާގެ ތަޖުރިބާކާރުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. މިތަމްރީނުގައި ބައިވެރިވަނީ ވޭތުވެދިޔަ މުއްދަތުގައި ފެތުމުގެ ކުޅިވަރުތަކާއި، އެފަދަ ޙަރަކާތްތަކާއި ގުޅޭ ޚަބަރުތަކާއި، މީޑިއާ އުފެއްދުންތަކާއި އެސޯސިއޭޝަނުގެ ޙަރަކާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދެމުންގެންދާ ފަރުދުންނާއި، ފޮޓޯ އަދި ވީޑިއޯގްރަފީގެ އިތުރުން މީޑިއާ ކުންފުނިތަކަށް ނިޞްބަތްވާ ފަރާތްތަކެވެ.

ފެތުމުގެ ކުޅިވަރުތަކާއިބެހޭ ބައިނަލްއަޤުވާމީ ޖަމިއްޔާ (ފީނާ) އާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ފެށި މި ތަމްރީނު ޕްރޮގުރާމުގައި އޯޕަން ވޯޓަރ ސްވިމިންގ އިވެންޓްތަށް ކަވަރ ކުރާނެ ގޮތާއި ކެމެރާ ކުރާނެ ގޮތްތަކުގެ އިތުރުން ސްވިމިންގ ދާއިރާއިން ކުރިއަށްދިއުމަށް ހުރި ފުރުޞަތުތަކާއިގުޅޭ މުހިންމު މަޢޫލޫމާތު އުގަންނައިދޭނެކަމަށް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ބުނެއެވެ.

"އޯޕަން ވޯޓަރ ސްވިމިންގ މީޑިއާ ކްލިނިކް" ގެ ނަމުގައި ކުރިޔަށްގެންދާ މި ތަމްރީނު ޕްރޮގުރާމަކީ، ރާއްޖޭގައި އޯޕަންވޯޓަރ ސްވިމިންގއަށް ޚާއްޞަކޮށްގެން ހިންގާ މިފަދަ ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ. މިތަމްރީނު ޕްރޮގުރާމުގައި ކިޔަވައިދެނީ ފީނާގެ އޯޕަންވޯޓަރ ސްވިމިންގ އިވެންޓްތައް ރާވާ ހިންގުމުގެ ތަޖުރިބާކާރެއްކަމަށްވާ ކޮލިން ހިލްއެވެ.