ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅުން އައްޔަންކުރައްވައިފި


ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީއާއި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މި ދެބޭފުޅުން އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިބޭފުޅުންނަށް މަޤާމުގެ ހުވާލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ އަރީފުއެވެ.

ރައީސުލްޖޫމްހޫރިއްޔާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލްއުސްތާޛު ޢަބްދުﷲ ދީދީއާއި އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވީ، މި ދެބޭފުޅުން އެމަޤާމަށް އައްޔަންކުރެއްވުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމާއި ގުޅިގެން އެކަމާމެދު ގޮތެއް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށެހެޅުއްވުމުން، އަލްއުސްތާޛު ޢަބްދުﷲ ދީދީއާއި އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އެމަޤާމަށް އައްޔަންކުރެއްވުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމުންނެވެ. އެގޮތުން ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިދެބޭފުޅުން އެމަޤާމަށް އައްޔަންކުރެއްވުމަށް ފެންނަކަމަށް ފާސްކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރި 36 މެންބަރުގެ ޢަޤްލަބިއްޔަތުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް އައްޔަންކުރެއްވި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީއަކީ ކުރިން ޖިނާއީ ކޯޓުގައި މަސައްކަތް ކުރެއްވުމަށް ފަހު، 2015 ގައި ހައި ކޯޓަށް އައްޔަން ކުރި ފަނޑިޔާރެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2015 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ކުރިން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި ގއ. ދެއްވަދޫއާއި ކ. ދިއްފުށީ ކޯޓުގެ މެޖިސްޓްރޭޓްކަމާއި ކޯޓު ނަންބަރު 2 ގެ ޤާޟީކަމާއި ޖުވެނައިލް ކޯޓުގެ ޤާޟީކަމުގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން ޖުޑީޝަލް ކައުންސިލްގެ މެންބަރުކަމާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި އެ ކޮމިޝަންގެ ނާއިބު ރައީސްކަން އަލްއުސްތާޛު ޢަބްދުﷲ ދީދީ ވަނީ ކުރައްވާފައެވެ.

ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އިސްކުރެއްވީ 2004 ވަނައަހަރުގެ މާރޗްމަހުގެ 14 ވަނަ ދުވަހުއެވެ. އަދި 21 ސެޕްޓެމްބަރު 2008ން ފެށިގެން 26 އޭޕްރީލް 2011 އާއި ހަމައަށް، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަޤާމު ފުރުއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނުވަނީ މަދަނީކޯޓުގެ ޤާޟީކަންވެސް ކުރައްވާފައެވެ.