ޚަބަރު

އުއްތަމަ ފަނޑިޔާރުކަމަށް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އައްޔަންކުރައްވައިފި


ރައީސުލްޖޫމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އައްޔަންކުރައްވައިފިއެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމަނިކުފާނަށް މަޤާމުގެ ހުވާލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ އަރީފުއެވެ.

ރައީސުލްޖޫމްހޫރިއްޔާ، އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އައްޔަންކުރެއްވީ، އެމަނިކުފާނު އެމަޤާމަށް އައްޔަންކުރެއްވުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމާއި ގުޅިގެން އެކަމާމެދު ގޮތެއް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށެހެޅުއްވުމުން، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެމަޤާމަށް އައްޔަންކުރެއްވުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމުންނެވެ. އެގޮތުން ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމަނިކުފާނު އެމަޤާމަށް އައްޔަންކުރެއްވުމަށް ފެންނަކަމަށް ފާސްކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރި 36 މެންބަރުގެ ޢަޤްލަބިއްޔަތުންނެވެ.

ޑރ. އަޙްމަދު ޢަބްދުﷲ ދީދީއަކީ ޕަބްލިކް އިންޓަނޭޝަނަލް ލޯގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމަނިކުފާނު ހުންނެވީ 10 އޮގަސްޓް 2010 އިން ފެށިގެން ސުޕްރީމް ކޯޓްގެ ފަނޑިޔާރެއްގެ މަޤާމުގައެވެ.