ޚަބަރު

ބިދޭސީންނާމެދު އިހުމާލުވި 19 ފަރާތަކާމެދު ފިޔަވަޅު އަޅައިފި- އިމިގްރޭޝަން





 


ބިދޭސީންނާމެދު އިހުމާލުވެފައިވާ ނަވާރަ ފަރާތަކާމެދު މިހާތަނަށް ފިޔަވަޅު އަޅާފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.


 
މީގެތެރޭގައި އަމިއްލަ ފަރާތްތަކާއި އެޖެންސީތައް ހިމެނޭ ކަމަށާއި، ބިދޭސީންނާމެދު އިހުމާލުވާ ފަރާތްތަކާމެދު، މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާފައިވާކަމަށް އިމިގްރޭޝަނުން މައުލޫމަތުދެއެވެ.


 
އިމިގްރޭޝަނުން ބުނީ އެފަދަ ފަރާތްތައް ޖޫރިމަނާ ކުރުމާއި ބްލެކް ލިސްޓް ކުރުމާއި، އިމިގްރޭޝަނުން އެފަރާތަކަށް ޚިދުމަތްދިނުން ހުއްޓާލުންފަދަ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ.


 
މީގެ އިތުރުންވެސް މުސާރަ ނުދީ ދެ މަސް ދުވަސް ފާއިތުވެއްޖެނަމަ، އަދި ވާރކް ވީޒާ ފީ ނުދައްކައި ހަ މަސް ދުވަސް ފާއިތު ވެއްޖެނަމަ ވަޒީފާ ދިން ފަރާތަށް ދޫކޮށްފައިވާ ކޯޓާ ކެންސަލްކޮށް އެ ބިދޭސީ މީހާ ރާއްޖޭގައި ހުރެގެން ވަޒީފާދޭ ފަރާތް ބަދަލުކުރުމުގެ ފުރުސަތު ބިދޭސީ މަސައްކަތްތެރިޔާއަށް ދިނުމާއި، އެމްޕްލޯއިމެންޓް އެޕްރޫވަލްގެ މުއްދަތު ހަމަވެގެން އެއް އަހަރަށްވުރެ އިތުރުވެފައިވާނަމަ، އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވެފައިވާ ބިދޭސީންގެ އަދަދު ކޯޓާއިން އުނި ކުރުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.


 
 


"މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު" ގައި ވެސް ބިދޭސީންނާމެދު އިހުމާލުވާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ. މި ގާނޫނުގެ ހަތަރުވަނަ ބާބުގައި ބުނާގޮތުން މީހުން ޓްރެފިކް ކުރުމުގެ އެއްވެސް އަމަލެއް ހިންގައިފި މީހަކަށް ހަތް އަހަރާއި ފަނަރަ އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.