މާލެ ހުޅުލެ ބްރިޖް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެންމެ ފަހު ތަނބު ގުޅާލުމުގެ މަސައްކަތް ފަށައިފިއެވެ. ބްރިޖްގެ މަސައްކަތް އަންނަ މަހުގެ 9 ވަނަދުވަހު އެއްކޮށް ނިންމާލާނެކަމަށް ހައުސިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އެންމެ ފަހު މަސައްކަތްތައް ކުރިއަށްދާއިރު މިހާރު ކުރަމުންދަނީ މުޅި ބްރިޖްގެ މެދު ނުވަތަ ބްރިޖްގައި ހިމެނޭ އެންމެ އުސް 2 ތަނބު ގުޅާލުމުގެ މަސައްކަތެވެ. މި 2 ތަނބު ފިޔަވާ ބްރިޖްގައި ހިމެނޭ އެހެން ހުރިހާ ތަނބުތަކެއް މިހާރު ވަނީ ގުޅާ ނިންމާލާފައެވެ. ބްރިޖްގެ ހުރިހާ ތަންބެއް ގުޅާލާ އަންނަ މަހުގެ ނުވަވަނަ ދުވަހު މާލެއާއި ހުޅުލެ ގުޅާލެވޭނެއެވެ.
ބްރިޖްގެ ތަނބުތައް ގުޅާލާފައިވަނީ ޗައިނާއިން ފެބްރިކޭޓްކޮށްގެން ރާއްޖެ ގެނައި ސްޓީލް ބޮކްސް ގާޑާ ބީމްސް މެދުވެރިކޮށެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މާލެ އާއި ވީކޮޅުން 540 މީޓަރުގެ ރާސްތާއެއް ގުޅާލުމުގެ މަސައްކަތް އެކޮށްވަނީ ނިންމާލާފައެވެ. ބްރިޖްގެ ތަނބުތައް ގުޅާލުމުގެ މަސައްކަތުގެ ދަށުން ސުޕަރ ސްޓްރަކްޗަރގެ އެންމެ ފުރަތަމަ ދެ ތަނބު ގުޅާލާފައިވަނީ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ.
ބްރިޖްގެ މަސައްކަތުގެ ތެރެއިން ތަނބުތައް ގުޅާލުމާއި ސްޓީލް ބޮކްސް ކަރޑަރ ބީމްތައް އެޅުމުގެ މަސައްކަތާއި ޑެކްއެޅުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު ބްރިޖާއި ގުޅޭ މަގުތަކުގެ މަސައްކަތްވެސް ދަނީ ވަރަށް ބާރަށް ކުރިއަށެވެ. އެ ގޮތުން ބްރިޖާއި ގުޅިގެން ހަދާ މާލޭ ރިންގް ރޯޑްގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ހައިސިން މިނިސްޓރީން ބުނެއެވެ. އަދި ރިންގް ރޯޑުގައި މިހާރު ކުރަމުން އަންނަނީ ކާނު ވަޅުލުމާއި، ހޮޅި ވަޅުލުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ. ރިންގ ރޯޑު ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ސާމާނު ގެނެސްފައިވާކަމަށް ދާދިފަހުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.
ބްރިޖާއި ގުޅިގެން ހަދަމުން އަންނަ ރިންގ ރޯޑް މަސައްކަތުގައި އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީޓާމިނަލާ ހަމަޔަށް ބޮޑުތަކުރުފާނުމަގު ފުޅާކޮށް، ތާރުއަޅައިގެން ރަގަޅުފެންވަރަކަށް ހެދުން ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގު މިހާރަށްވުރެ ފުޅާކޮށް މިހާރު 2 ލޭނަށް ދުއްވާ މި މަގު، 4 ލޭނަށް ބަދަލުކުރާނެއެވެ. މީގެއިތުރުން ހުޅުލެއާއި ހުޅުމާލެގުޅޭ ގޮތަށް މުޅިން އަލަށް ތަރައްޤީ ކުރާ މަގުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖަކީ 1.39 ކިލޯމީޓަރ ދިގު 20.3 މީޓަރު ފުޅާ ބްރިޖެކެވެ، ބްރިޖް ޑިޒައިންކޮށްފައިވަނީ ހަތަރު ލޭނަކަށް ބަހާލައިގެންނެވެ. އެގޮތުން ކާރާއި ޕިކަޕުފަދަ ހަތަރު ފުރޮޅުލީ އުޅަނދުތައް ދުއްވުމަށް 2 ލޭން ޚާއްސަކޮށްފައިވާއިރު ސައިކަލާއި ހިނގާފައި އުޅޭ މީހުންނަށްވެސް ބައެއް ޚާއްސަކޮށްފައިވެއެވެ.
ބްރިޖްގެ މަސައްކަތް އަންނަ މަހުގެ ނުވަވަނަ ދުވަހަށް ނިންމާލާއިރު ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ ގޮތާ ބެހޭ ގޮތުން ޗައިނާގެ އިސްވެރިންނާއި މަޝްވަރާކުރުމަށް ދާދިފަހުން ވަނީ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވަނީ ޗައިނާއަށްވެސް ވަޑައިގެންފައެވެ.
ކޮންމެއަކަސް ޖުލައި 9 އެއްވެގެންދާނީ ދިވެހިންނަށް ވަރަށް ހާއްސަ ދުވަހަކެށެވެ. ގިނަ ބަޔަކު ދެކެފައިނުވާކަމެއް މާލެއާއި ހުޅެ ގުޅުވާލުން ހަގީގަތަކަށް ވެގެންދާނެ ދުވަހަކަށެވެ.