ރިޔާސީ އިންޚާބުގެ ޤާނޫނަށް އިސްލާޙް ހުށައެޅުމުގެ ބިލްތަކާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިސްލާޙް ހުށައެޅުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފިއެވެ. މި ބިލްތައް މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓްގައި ބައިވެރިވި 37 މެމްބަރުންގެ އިއްތިފާޤުންނެވެ.
ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށައެޅި އިސްލާޙް މަޖިލީހަށް ހުށައަޅާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސެއިން މުޙައްމަދު ލަތީފެވެ. މި އިޞްލާޙްގެ ދަށުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެނޑިޑޭޓުން ދައްކަންޖެހޭ އިދާރީ ފީ ސާޅީސްހާސް ރުފިޔާއިން އެއްލައްކަ ރުފިޔާއަށް ބޮޑު ކޮށްފައިވެއެވެ. އިސްލާޙް ހުށައެޅުއްވި މެމްބަރު ވިދާޅުވީ މި އިސްލާހާއެކު ރިޔާސީ އިންތިޚާބުގެ ކަންކަން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސެއިން މަނިކު ހުށައެޅުއްވި އިސްލާޙްގައި ވަނީ ރާއްޖޭގެ އިތުރުން ބޭރުގެ އެއްވެސް ޤައުމެއްގެ ރައްޔިތަކަށް އެއްވެސް އިރެއްގައި ވެފައިވާ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އެމީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލިތާ ދިހަ އަހަރުން ފަހުންކަމަށެވެ.
މި އިސްލާހުގެ ބަހުސް މަރުހަލާގައި ވާހަކަދެއްކެވި މެމްބަރުންވަނީ، މި އިސްލާޙަށް ތާއީދުކޮށްފައެވެ. އަދި ކޮމިޓީ މަރުހަލާގައި މި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ބައެއް މެމަބަރުން ފާހަގަކުރެއްވިއެވެ. އެގޮތުން އެހެން ޤައުމެއްގެ ހިމާޔަތް ހޯދާފައިވާ މީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ، ހިމާޔަތް ދޫކޮށްލިތާ 10 އަހަރު ފަހުންކަމަށް ބިލްގައި ހިމަންނަން ޖެހޭކަމަށް ބައެއް މެމްބަރުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ 34 އިސްލާޙެއް ހުށައަޅުއްވާފައެވެ. މި އިސްލާޙްތައް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު ޢަލީ މުޙައްމަދެވެ. މި އިސްލާޙްތައް ހުށައަޅުއްވާފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ހުށައެޅުނު މައްސަލައިގައި ސުޕްރީމް ކޯޓުން ނެރެފައިވާ އިންތިޚާބުތަކުގައި ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިނާއެއްގޮތަށް ޤާނޫނަށް ބަދަލުގެނައުމަށްޓަކައެވެ. އަދި ރާއްޖޭގައި ބާއްވާ ހުރިހާ އިންތިޚާބުތަކަކީ މިނިވަން އިންސާފުވެރި އިންތިޚާބުތަކެއްކަން ކަށަވަރު ކުރުމަށެވެ.
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނައި އިސްލާޙްތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުން ހަމަހަމަ ފުރުޞަތު ދޭންޖެހެއެވެ. އަދި ވަކި ކެނޑިޑޭޓަކަށް ނުވަތަ ޕާޓީއަކަށް އިތުރަށް ވަގުތު ވިއްކައިގެން ނުވާނޭކަމަށްވެސް މި އިސްލާހުގައިވެއެވެ.
މި އިޞްލާޙާއި އެކު ޤާނޫނާއި ހިލާފަށް އަމަލުކުރާ ބްރޯޑްކާސްޓަރުންގެ މައްސަލަތައް ހުށައަޅާ ފަސޭހަކަމާއި އެކު ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް އާ އިސްލާހުގައި ބްރޯޑްކާސްޓިން ކޮމިޝަނަށްގެ މައްޗަށްވެސް ވަނީ ލާޒިމުކޮށްފައެވެ. އަދި އެފަދަ މައްސަލަތައް ބަލައި ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެކަމަށްވެސް މަޖިލީހަށް ހުށައެޅި އިސްލާހުގައިވެއެވެ. އަދި އެފަދަ މައްސަލަތައް ބަލާ ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ހުށައެޅުމުގެ ބާރުވެސް މި އިސްލާހުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ދީފައިވެއެވެ. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނައި އިސްލާޙްތަކުގެ ތެރޭގައި ވޯޓް ކަރުދާހުގައި ކެންޑިޑޭޓުންގެ ނަމާއި ދިމާގައި ރަނގަޅު ފާހަނގަޖެހުން ފިޔަވައި އިތުރު އެއްޗެއް ލިޔެ ނުވަތަ ކުރަހައިފިނަމަ އެވޯޓް ކަރުދާސްކޮޅެއް ބާތިލުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ބިލް ހުށައެޅުއްވި މެމްބަރު ވިދާޅުވީ، މި އިސްލާޙްތަކާއެކު ކުރިއަށްއޮތް ތަނުގައި ރާއްޖޭގައި ބާއްވާ އިންތިޚާބުތަކާމެދު ރައްޔިތުންގެ މަދުގައި އިތުބާރު ބޮޑުވެގެން ދާނެ ކެމަށެވެ.
އިންތިޚާބާބެހޭ ޤާނޫނުތަކަށް އިސްލާޙް ހުށައެޅުމުގެ ތިން ބިލުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ވަނީ ބަލައިގަނެފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލާފައިވަނީ މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން އިޢުލާން ކުރުމަށް ފަހުއެވެ.