ޚަބަރު

އެމްއެންޑީއެފް އުވާލުމުގެ ވިސްނުން އިދިކޮޅު ފަރާތްތަކުން ގެންގުޅެން ފަށައިފި


ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އުވާލުމުގެ ޚިޔާލު އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ސީނިއަރ ބޭފުޅުން ގެންގުޅުއްވަން ފައްޓަވައިފިއެވެ. އިދިކޮޅު ފަރާތްތަކަށް ތާއީދުކޮށް، އެބޭފުޅުންގެ ވެރިކަމެއްގައި ޢަމަލުކުރާނެ ގޮތްތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރައްވަމުންގެންދަވާ އެމް.ޑީ.ޕީގެ ވެރިކަމުގައި ބަންޑާރަނާއިބުކަން ކުރެއްވި އަލްއުސްތާޛް ހުއްނުއްސުޢޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެބޭފުޅުން އެދޭ ވެރިކަމެއްގައި ދިވެހި ޤައުމީ ދިފާއީ ބާރު، އެމް.އެން.ޑީ.އެފް އުވާލާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތީ، ސިޔާދަތު ހިމާޔަތްކޮށް، ދިވެހިންގެ މިނިވަންކަން ދިފާޢުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ކޮންމެ ފަހަރަކު، ކާރިސާއަކާ ކުރިލަތިލާންޖެހޭ ކޮންމެ ފަހަރަކު ދިވެހި ސިފައިން އަދާކުރާ އަގުނުކުރެވޭފަދަ މުހިންމު ޤުރުބާނީތައް ދިވެހިން ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ. ޤައުމީ ސަލާމަތަށް ނުރައްކާވެއްޖެ ނަމަ ޤައުމުގެ ދިފާޢުގައި ހަނގުރާމަ ކުރަންޖެހުނަސް ދިވެހި އަސްކަރިއްޔާ އޮތީ ތައްޔާރަށެވެ. މިނިވަން މުސްތަޤިއްލު ދައުލަތަކަށް ވަރުގަދަ އަސްކަރިއްޔާއެއްގެ މުހިންމުކަން ބޮޑެވެ.

ޤާނޫނީ ވެރިކަން ހިމާޔަތް ކުރުމަށާއި، ސިފައިންގެ ޤާނޫނީ ވާޖިބުއަދާކުރުމުގައި ވޭތުވެދިޔަ އަހަރުތަކުގައި ފަސްޖެހުމެއްނެތި ކުރި މަސައްކަތުގެ ސަބަބުން އިދިކޮޅު ސިޔާސީ ވެރިން ތިބީ ސަލާމަތީ ބާރުތައް ދެކެ ހިންމަހަ ނުޖެހިފައެވެ. މިކަން އެކި ޕްލެޓްފޯމްތަކުގައި ފާޅުކަންބޮޑުގޮތެއްގައި އެކި ފަހަރުމަތިން އެފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ރާއްޖޭގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް އެކި ވާހަކަތައް ދައްކަމުންގޮސް އިދިކޮޅު ފަރާތްތަކުގެ ވެރިކަމެއްގައި ދިވެހި ރާއްޖޭގެ ޤައުމީ ދިފާއީ ބާރު އުވާލާނެކަމަށް އެންމެ ފަހުން މިވަނީ ބުނެފައެވެ. ދިވެހި ސިފައިންނަށް ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހިފައިވާކަމަށްބުނެ އިދިކޮޅު އެމް.ޑީ.ޕީގެ ވެރިކަމުގައި ބަންޑާރަނާއިބުކަންކުރެއްވި އަލްއުސްތާޛް ހުއްނުއްސުޢޫދު ވިދާޅުވެފައިވަނި އެބޭފުޅުން އެދޭ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު އުވާލުމަށްފަހު، ތިބޭނީ ހަމައެކަނި ކޯސްޓް ގާރޑާއި މެރިން ޕޮލިސް ކަމަށެވެ.

ހުސްނުއްސުޢޫދު މިހެން ވިދާޅުވެ ޓުވީޓް ކުރެއްވުމާއެކު އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ މި ޚިޔާލަށް ތާއީދުކޮށް ވާހަކަދައްކާފައެވެ.

ނަމަވެސް ހުސްނުއްސުޢޫދުގެ މި ޓުވީޓާއެކު ވަރަށްގިނަ ފަރާތްތަކުންވަނީ މިކަމަށް ފާޑުކިޔައި، ދިވެހި ސިފައިންގެ ޚިދުމަތުގެ މުހިންމުކަން ފާހަގަކޮށްފައެވެ. ހުސްނުއްސުޢޫދުގެ ޓުވީޓަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލު ނަގަހައްޓައި، ދެމެހެއްޓުމަށް ދިވެހި ސިފައިންނާއި ފުލުހުން އަދާކުރި ދައުރު ވަޒަންކުރަން ނޭންގޭ ބަޔަކަށް ދިވެހިންގެ މައްޗަށް ވެރިކަން ކުރުން ޙައްޤު ނޫންކަމަށެވެ.

ދިވެހިރާއްޖޭގެ އެންމެ ފަޚުރުވެރި، އެންމެ ގިނަ ދުވަސްވީ އެއް މުއައްސަސާ ކަމުގައިވާ ދިވެހި ސިފައިންގެ މުއައްސަސާ އުވާލުމުގެ ޚިޔާލު އިދިކޮޅު ފަރާތްތަކުން ޢާންމުކުރިއިރު، 1 ނޮވެމްބަރ 1988 ގައި ދިވެހި ޤައުމުގެ ދިފާއުގައި، އަސްކަރިއްޔާއިންކުރި ހަނގުރާމައާއި، އެ ހަނގުރާމައިގައި ދިވެހިޤައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ ޝަހީދުންގެ ޖިހާދު އެފަރާތްތަކުން ހަންދާން ނެތުނީތޯ ސުވާލު އުފެދެއެވެ. ސުނާމީ ކާރިސާގައި ދިވެހި ސިފައިން ކޮށްދެއްވި އަގުނުކުރެވޭފަދަ ޚިދުމަތްތައް ހަނދާން ނެތުނީތޯ ދުވާލު އުފެދެއެވެ.

ދިވެހި އަސްކަރިއްޔާއަކީ ދިވެހިރާއްޖެ ދުއް އެކި ފަންނުތަކުގައި އެންމެ ފަންނުވެރި ދަރީންތިބި މުއައްސަސާއެކެވެ. އެތައް ހާސް އާއިލާއެއް ބަލަހައްޓަމުންދާ ހަރުދަނާ ދިވެހި ދަރިންތަކެއް ވަޒީފާ އަދާކުރަމުންދާ އެއް މުއައްސަސާއެކެވެ. އެމުއައްސަސާ އުވާލުމުގެ ވާހަކަދައްކާއިރު، ސިފައިންގެ ޢާއިލާތަކަށް ވާނެގޮތަކާމެދު ވިސްނުން ނުގެންގުޅުއްވަނީތޯވެސް މިއީ އުފެދޭ ސުވާލެކެވެ.

ދިވެހި ސިފައިންގެ ޚިދުމަތަށް ފައިސާތަކެއް ޚަރަދުކުރަންޖެހޭކަމަށްބުނެ، ސިޔާސީ މަޤްޞަދުތަކަށްޓަކައި އެ މުއައްސަސާ އުވާލުމުގެ ޚިޔާލަކީ ދިވެހި ޤައުމީ ލޭ ހިނގާ އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫނެވެ. އަދި މިއީ ނުހަނު ނުރައްކާތެރި ސިޔާސީ ވިސްނުމެކެވެ. މިކަމަށް ދިވެހި އެންމެހައި ރައްޔިތުން ސަމާލުވާންޖެހެއެވެ.