ދިވެހި ޒުވާނުންނަށް ކްރިއޭޓިވް އިންޑަސްޓްރީގައި ކުރިއަށްދިއުމަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދޭންޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މީޑިޔާ އިންސްޓިޓިއުޓާއި މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަރސިޓީ ގުޅިގެން ބާއްވާ އެޑިއުކޭޝަން އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، ވޭތުވެދިޔަ 4 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި މި ސަރުކާރުން ޒުވާނުން ބިނާކުރުމާއި، ޒުވާނުންގެ ތަރައްޤީއަށާއި، އަދި ޒުވާނުންގެ ހުނަރު ދެއްކުމަށް ފަހި ފުރުޞަތު ތަކެއް ހޯދައިދީފައިވާކަމަށެވެ.
އެގޮތުން ރާއްޖޭގައި ވިޔަފާރި އުސޫލުން ފޮޓޯ ނެގުމާއި ކެމެރާ ޕްރޮޑަކްޝަންއާއި ސައުންޑާއި ލައިޓް ހެދުމުގެ ހުއްދަ ހަމައެކަނި ދިވެހިންނަށް ދޭން ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަކީ މިގޮތުން އަޅާފައިވާ މުހިންމު ފިޔަވަޅެއްކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ދިވެހި ޒުވާނުންނަށް މިފަދަ އެތައް ފުރުޞަތުތަކެއް ފަހިކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްއްކަތް ކުރައްވަމުންގެންދަވާނެ ކަމަށެވެ.
"އަދި އަޅުގަނޑުމެންގެ ވިސްނުމުގައި އެބަހުރި ވަރަށް ގިނަ އިންޑަސްޓްރީތައް. ވަރަށް ގިނަ މަސައްކަތްތައް. ތްރީޕީސް ބޭންޑަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަމަ ވަރަށް ޑިމާންޑް ބޮޑު މިއުޒިކެއް. ތިން ޒުވާނުން އެއްވެލައިގެން މިކުޅޭ މިއުޒިކް. އެއީ ޑްރަމަރަކާ، ގިޓަރިސްޓަކާ ވޯކަލިސްޓަކާ ތިބެގެން މިކުޅޭ މިއުޒިކަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލް އެއްޗެއް. މިސާލަކަށް ޑިނަރ ޓައިމްގައި ނޫނީ ހަވީރުގެ ވަގުތުތަކުގައި ވަރަށް ހިނގާ އެއްޗެއް. މިއަށް ބިދޭސީން އަންނާކަށް ނުޖެހޭ މިވިޔަފާރި ކުރާކަށް. ވިޔަފާރިއެއްގެ ގޮތުގައި މިކަން ކުރަންޏާ ދިވެހި ޒުވާނުންނަށް ކްރިއޭޓިވް އިންޑަސްޓްރީއަށް ޖާގަ އޮންނަން އެބަޖެހޭ. މި ސަރުކާރުން އަޅުގަނޑުމެން ޤަބޫލްކުރަނީ އެ އުސޫލު". މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރ ސަޢީދުގެ ވާހަކަފުޅުގައި ވަނީ، ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ޕީއެސްއެމުން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޕީއެސްއެމްގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރައްވާފައެވެ.
މޯލްޑިވްސް މީޑިޔާ އިންސްޓިޓިއުޓްއާއި މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަރސިޓީ ގުޅިގެން ބާއްވާ އެޑިއުކޭޝަން އެކްސްޕޯ ކުރިއަށްދާނީ މިއަދާއި މާދަމާގެ ހަވީރު ހަތަރަކުން ރޭގަނޑު ދިހަގަޑި ތިރީހަށް ރޭޑިއޯ ބިލްޑިންގްގައެވެ.