ޚަބަރު

ފުރަތަމަ ފަހަރަށް ކުށަށް އަރައިގަނެވިފައިވާ ޒުވާނުންނަށް އިތުރު ފުރުސަތެއް





 


ފުރަތަމަ ފަހަރަށް ކުށަށް އަރައިގަނެވިފައިވާ ޒުވާނުންނާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ދައުވާ ނުކޮށް ދޫކޮށްލުމުގެ އުސޫލެއް ގާއިމްކޮށް ދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުގައި އެދިވަޑައިގެންފައިވާ  ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަންދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.


 
މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުރަތަމަ ފަހަރަށް ކުށަށް އަރައިގަންނަ ޒުވާނުންނާއެކު އެއްބަސްވުމެއް ގާއިމްކުރެއްވުމަށް އެދިވަޑައިގަތީ ޒުވާނުންނަށް އިތުރު ފުރުސަތެއް ދެއްވުމުގެ ގޮތުން ކަމަށެވެ.


 
މިގޮތުން މި އެއްބަސްވުން ވެވޭނީ ކުދި ކުށްކުށުގައި  ދައުވާ އުފުލިފައި ތިބި ޒުވާނުންނާއި ދައުވާ އުފުލުމަށް ޕީޖީ އޮފީހަށް ހުށައެޅިފައި ހުރި މައްސަލަތަކުގައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.  


އެމަނިކުފާނު ވިދާޅުވީ ޒުވާނުންނާއި މުޖްތަމައުގެ އެންމެހާ ފަރުދުންގެ ހަމަޖެހުމަށްޓަކައި ޒުވާނުންނަށް ފަހި މުޖްތަމައެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މައްސަލަތަކުގެ ޝިކާރައަކަށް ޒުވާނުން ވިޔަ ނުދިނުމަށްޓަކައި ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.


 
 


ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުގެ އެއް ވައުދުކަމަށްވާ ޔޫތު ސިޓީ ބިނާ ކުރުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މިހާރު ބަޔާކާ ހަވާލު ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތް އަންނަ އަހަރުގެ މެދެއްހާތާގައި ނިމޭނެކަމަށާއި ޒުވާނުންގެ ސިޓީ ވެގެންދާނީ ވަޒީފާގެ ފުރުސަތުތަކާއި، މުނިފޫހިފިލުވުމާއި، އުގެނުމުގެ  ފުރުސަތުތައް ޒުވާނުންނަށް ތަނަވަސްކޮށްދޭނެ ނާރެހަކަށް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.