ޚަބަރު

ގުރައިދޫ ބަނދަރާއި، ރައްކާތެރި ބޯފެނުގެ ނިޒާމު ރަސްމީކޮށް އިފްތިތާޙްކޮށްފި


ކ. ގުރައިދޫގައި އަލަށް ހެދި ބަނދަރާއި، ރައްކާތެރި ބޯފެނުގެ ނިޒާމް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވީ ކ. ގުރައިދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ކ. ގުރައިދޫ ބަނދަރު ހެދުމުގެ މަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން 45 މިލިއަން 400 ހާސް ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ، އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެނެވެ. ކ. ގުރައިދޫގައި ހަދާފައިވަނީ 800 ފޫޓް ދިގު އަދި 450 ފޫޓް ފުޅާ ބަނދަރެކެވެ. މި މަޝްރޫޢުގެ ދަށުން 364 މީޓަރުގެ ބޮޑު ހިލަޖެހި ބޭރު ތޮށްޓަކާއި، 264 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދާފައިވެއެވެ. މީގެ އިތުރުން 41 މީޓަރުގެ ބޮޑު ހިލަޖެހި ރިވެޓްމަންޓް ހަދާފައިވާއިރު، 204 މީޓަރު ދިގު އަދި 5 މީޓަރު ފުޅާ ޕޭވްމަންޓްޖެހި މަގެއް ހަދާފައިވެއެވެ.

މި މަޝްރޫޢު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ހިނގާ ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުން ބަލައިގަންނަން ޖެހޭކަމަށެވެ. އަދި އެކަމަށް މަގު ފަހިކޮށްދިނުމަކީ ތަރައްޤީގައި ރައްޔިތުން އަދާކުރަންޖެހޭ ދައުރުކަމަށެވެ.

"
"އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީއަށްޓަކައި އެމަނިކުފާނު އެކުރައްވާ މަސައްކަތް ޝުކުރާއެކު ބަލައިގަނެ، އަދި ޤައުމީ ވިސްނުމެއްގަ ޤައުމުގެ މުސްތަޤްބަލް ބައްޓަންކުރުމަށް އަޅުގަނޑުމެންގެ ނިންމުންތައް ނިންމުމަކީވަރަށް މުހިންމުކަމެއް."
ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު

ކ. ގުރައިދޫގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ނިޒާމަކީ ސަރުކާރުގެ ބަޖެޓުން 245 ހާސް 106 ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ސްޓެލްކޯއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތް 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން ގުރައިދޫގައި 30 ޓަނުގެ 2 އާރު.އޯ ޕްލާންޓެއް، ޤާއިމުކޮށްފައިވެއެވެ. އެގޮތުން މި ޕްލާންޓުން ދުވާލެއްގެ މައްޗަށް 60 ޓަނު ގެ ފެން އުފެއްދޭނެއެވެ. ކ. ގުރައިދޫގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ނިޒާމުގެ ދަށުން 7.3 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ވަނީ ޤާއިމުކޮށްފައެވެ.

މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީގެ ކުރިން ދުވަހަކުވެސް ނުހިންގާހާ ގިނަ ތަރައްޤީގެ މަޝްރޫޢުތައް މި ސަރުކާރުން ހިންގަމުންދާކަން ފާހަގަކޮށް، މިކަމަށް ކުރިއަށްއޮތް ދައުރުގައިވެސް ފުރުޞަތު ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

"
"ކަންތައްތައް ކުރެވޭ ރައީސުންނޭ އަޅުގަނޑުމެން ބޭނުންވަނީ. ރިޔާސީ އިންތިޚާބުގަވެސް އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންނަށް ވަޢުދު ވެވަޑައިގެންފަ އެވަޢުދު ފުއްދައިދެއްވާ ރައީސެއް އަޅުގަނޑުމެން ހޮވަން. އެހެންވީމާ އިތުރު އެހެން ބޭފުޅަކަށް އަޅުގަނޑުމެން ބަލާކަށް ނުޖެހޭ. އަޅުގަނޑުމެންނަށް އެމަސައްކަތް ކޮށްދެއްވާ އަޅުގަނޑުމެންގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ އިތުރުދައުރަކަށް ހޮވަން އަޅުގަނޑުމެން މަސައްކަތް ފައްޓަމާ ހިންގަވާށޭ."
އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް

ރައީސުލްޖުމްހޫރިއްޔާ މާލެއަތޮޅު 3 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދުވަނީ މާލެވަޑައިގެންފައެވެ.