ކުޅިވަރު

އައިއޭއޭއެފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއިން ރާއްޖެ ތަމްޘީލްކުރަނީ ހިމްނާ



އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތްލެޓިކްސް ފެޑެރޭޝަން ޗެމްޕިއަންޝިޕްގެ 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރަން އާއިޝަތު ހިމްނާ ޙަސަން ހޮވިއްޖެއެވެ.
އަންނަ މަަހުގެ 10-15 އަށް ފިންލޭންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހިމްނާ ވާދަކުރާނީ 400 މީޓަރު ދުވުމުގައެވެ. އައްޑޫ ސިޓީއަށް ނިސްބަތްވާ ހިމްނާ ވަނީ ޖަޕާންގައި ބޭއްވި 18 ވަނަ އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ 400 މީޓަރ ދުވުުމުގެ ޤައުމީ ރިކޯރޑް މުގުރާލާފައެވެ. ހިމްނާ މި ރިކޯރޑް މުގުރާލާފައިވަނީ 59.76 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ހިމްނާ އާއިއެކު މި ދަތުރުގައި ކޯޗެއްގެ ގޮތުގައި ދާނީ ސުލްތާން ސައީދުއެވެ. ސުލްތާން އަކީ ރާއްޖޭގެ ޖޫނިއަރ ގިނަ އެތުލީޓުންނަށް ތަމްރީން ދީފައިވާ ކޯޗެކެވެ.
ހިމްނާއަކީ ފާއިތުވި އަހަރުތަކުގައި ބޭއްވި އިންޓަރ ސްކޫލް މުބާރާތުގައި އެންމެ މޮޅު އަންހެން އެތްލީޓްގެ މަޤާމު ހޯދާފައިވާ ދުވުންތެރިއެކެވެ. އެގޮތުން ހިމްނާ ވަނީ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވެ، ރަން މެޑަލް ހާސިލްކޮށްފައެވެ. އަދި މީގެ އިތުރުން އެ އުމުރުފުރާއިން އެންމެ މޮޅު އަންހެން އެތްލީޓްގެ މަޤާމާއި، މުޅި މުބާރާތުން އެއްވަނަ އަންހެން އެތްލީޓްގެ މަޤާމްވެސް ހޯދާފައެވެ.
މީގެ އިތުރުން ހިމްނާ ވަނީ ސްރީލަންކާގެ ކޮލޮމްބޯގައި އޮތް ސައުތް އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ 200 މީޓަރު އަދި 400 މީޓަރު ދުވުމުގައި ވާދަކޮށްފައެވެ. ހިމްނާގެ ފުރަތަމަ އިވެންޓް 200 މީޓަރު ދުވުމުގެ ހީޓުން އޭނާ ވަނީ ތިން ވަނަ ހޯދާފައެވެ. 400 މީޓަރ ދުވުމުގެ ފައިނަލްގައި ވާދަކޮށް އޭނާ ވަނީ އަމިއްލަ ރެކޯޑްވެސް އާކޮށްފައެވެ.