ޚަބަރު

ބޯން މެރޯ ހަދަން ފުރާ ކުދިންނާ ހެލްތް މިނިސްޓަރ ބައްދަލުކުރައްވައިފި



ޒަކާތު ފަަންޑުގެ ހިލޭ އެހީގެ ދަށުން މި އަހަރު ބޯން މެރޯ ޓްރާންސްޕާލާންޓް ހަދަން ފުރުޞަތު ދިން ކުދިންގެ ތެރެއިން މާދަމާ ފަރުވާއަށް ފުރާ ކުދިންނާ އެކުދިންގެ ޢާއިލާތަކާ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާޙީމް ބައްދަލުކުރައްވައިފިއެވެ. ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން މި އަހަރު ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން 32 ކުއްޖަކަށް ސަރުކާރުން ފުރުޞަތު ދީފައިވެއެވެ.

ބޯން މެރޯ ހަދަން ފޮނުވާ ކުދިންގެ ޢާއިލާތަކާ ބައްދަލުކުރައްވާ ހެލްތް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންގެ ފަރުވާއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީންގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 25 ކުއްޖަކަށް ބޯން މެރޯ ހަދައިދިނުމުގެ ވައުދު ކާމިޔާބުކުރެވިފައިވާ ކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ އެކުދިންގެ ބޭސްފަރުވާގެ މަރުޙަލާގައި ޑޮކްޓަރުން ދެއްވާ އިރުޝާދާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ބޯން މެރޯ ހަދަން ފޮނުވާ ފަސް ކުދިން ކަނޑައެޅީ އެކުދިންގެ ސިއްޙީ ޙާލަތަށް ބެލުމަށްފަހު ކަމަށާއި މި ކުދިން ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ބެންގަލޫރްގެ މަނިޕާލް ހޮސްޕިޓަލްގައި ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން މިގެއިން ކޮންމެ ކުއްޖަކަށް ނުވަ ލައްކައާއި އެއް މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖައްސާފަވެއެވެ. މީގެތެރޭގައި ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޚަރަދާއި، 4 މީހެއްގެ ދެކޮޅު ޓިކެޓާއި، އެމީހުންގެ ތިން މަސް ދުވަހުގެ ހުރުމުގެ ޚަރަދު ހިމެނެއެވެ. އަދި އޮޕަރޭޝަނަށްފަހު އިތުރު ފަރުވާ ބޭނުން ވާނަމަ އެ ޚަރަދުވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ހަމަޖެއްސުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން 2016 ވަނަ އަހަރުވެސް 6 ކުއްޖަކަށް ބޯން މެރޯ ހެދުމަށް ފުރުޞަތު ދީފައިވެއެވެ. އަދި 2015 ވަނަ އަހަރު 24 ކުއްޖަކަށް ބޯން މެރޯ ހެދުމުގެ ފުރުޞަތު ދީފައިވެއެވެ. ޒަކާތު ފަންޑުން 2015 އަދި 2016 ވަނަ އަހަރު ބޯން މެރޯ ހެދުމަށް 19.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.