ބެޔަސް ނުބެޔަސް ސްކީމްގައި މިހާރު ބައިވެރިވެފައިވާ އުޅަނދުން މި ސްކީމްގެ ދަށުން ފައިސާ ހޯދުމަށް އެދިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ބެޔަސް ނުބެޔަސް ސްކީމްގެ ދަށުން ފައިސާ ދޫކުރެވޭނީ ތިންމަހުން ތިންމަހަށް ބެލުމަށްފަހު އާމްދަނީގެ ގޮތުގައި ކަނޑައަޅާފައިވާ ކެޓަގަރީއާއި އެއްވަރަށް ފައިސާ ނުލިބޭ ފަރާތްތަކަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ސްކީމްގައި ބައިވެރިވެފައިވާ މަސް ދޯނިން، ކުންފުނިތަކަށް މަސް ކިރުވިވަރުގެ މައުލޫމާތާއި މަސް ވިއްކި އަގުގެ އިތުރަށް މަހަށް ނިކުމެ އުޅުނުކަން ޔަގީންކުރަމުންދާކަމަށެވެ. އަދި މި މަސްދޯންޏަށް އަންނަ އޮގަސްޓަމަހުގެ ވިހީގެ ކުރިން ބަދަލުދެވޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ބެޔަސް ނުބެޔަސް ސްކީމްގައި މިހާރު ބައިވެރިވެފައިވަނީ އެއް އުޅަނދުން ވިހި މަސްވެރިންނެވެ.
ބެޔަސް ނުބެޔަސް ސްކީމްގެ ދަށުން 65 ފޫޓަށް ވުރެ ބޮޑެތި އުޅަނދު ފަހަރުތަކުން މަހަށް ދާ ކޮންމެ މަސްވެރިއަކަށް 10000 ރުފިޔާ ލިބޭއިރު 45 ފޫޓާއި 65 ފޫޓާއި ދެމެދުގެ އުޅަނދުފަހަރުގައި މަހަށް ދާ މަސްވެރިންނަށް މަހަކު 5000ރުފިޔާ ލިބޭނެއެވެ. އަދި 45 ފޫޓުން ދަށުގެ އުޅަނދު ފަހަރުގައި މަހަށް ދާ މީހުންނަށް 3500 ރުފިޔާ ލިބޭނެއެވެ.